06 Feb 2021, 13:58
ކުރައުން ކޮމްޕެނީގެ ދަށުން ހިންގަމުން ދިޔަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑު ރިސޯޓުން މީގެ 10 އަހަރު ކުރިން ވަޒީފާއިން ވަކިކުރި 22 މުވައްޒަފުންނަށް އިންސާފު ލިބިފައިވާކަމަށް ނުދެކޭތީ މުވައްޒަފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ނިންމާފައިވާކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.
ކުރައުން ކޮމްޕެނީގެ ދަށުން ހިންގަމުން އައި އެ ރިސޯޓުން 22 މުވައްޒަފުން ވަކިކުރީ 2011 ޖޫންގަ އެވެ. އެ މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2012 ގައި އެތަނުން ނިންމީ އެ މީހުންގެ ވަޒީފާ އިޔާދަ ކުރުމަށެވެ. ނަމަވެސް 2015ގައި ހައިކޯޓުން އެ ނިންމުން ބާތިލްކޮށް ހުކުމް ކުރީ ވަޒީފާ އިޔާދަ ނުކޮށް މާލީ ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެހެން ނަމަވެސް 2015 ގައި ސުޕްރީމް ކޯޓުން ހައިކޯޓުގެ އެ ނިންމުން ބާތިލްކޮށް އަލުން އެ މައްސަލަ ބެލުމަށް އެންގުމުން އެ ކޯޓުން މައްސަލަ ރިވިއުކޮށް ހުކުމް ކުރީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކުރަން ޖެހޭ ކަމަށެވެ.
ހައިކޯޓުގެ ހުކުމް ކުރައުން ކޮމްޕެނީން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ބުނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ އެތަނުގެ އަގުބޮޑު ވިލާތަކެއް ބަންދުކުރަން ޖެހުމުން ވިޔަފާރި ދަށްވުމުގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި ވަގުތީ މުވައްޒަފުން ވެސް ތިއްބާ ދާއިމީ 22 މުވައްޒަފަކު ވަކިކުރުމާ މުވައްޒަފުން ވަކިކުރި ވަގުތުގައި އެކަން ކުރި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވުނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ ރަނގަޅު ނިޔަތެއްގައި ނޫން ކަމެށެވެ. އަދި އެ މުވައްޒަފުން ވަކިކުރުމުގައި އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ހޯދާދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ބުނީ މިހާރު އެ މީހުން ވަކިކުރި ފަހުން ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމާއި ވަކިކުރި މުވައްޒަފުންނާއި ރިސޯޓުގެ މެނޭޖްމަންޓާ ދެމެދު އިތުބާރުގެ މައްސަލަތަކެއް ހުރުމުން އެ މީހުންގެ ވަޒީފާ އަނބުރާ އިއާދަކުރަން ޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނާ ބައި ބާތިލް ކުރާ ކަމަށެެވެ.
އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާގެ ގާނޫނުގައި ބުނާ ނޯޓިސްގެ މުއްދަތު ނުދީ ނަމަވެސް ވަޒީފާގައި ދެމި ހުރި މުއްދަތަށް ބަލައިގެން ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދީފައި ވުމާއި ރިޑަންޑެންސީ އެލަވެންސެއް ވެސް ދެ މަހުގެ މުއްދަތަށް ދީފައި ވުމުން ވަކިކުރި މުވައްޒަފުންނަށް މާލީ ގޮތުން ދޭން ޖެހޭ ބަދަލެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް އެ މުވައްޒަފުންނަށް މައްސަލަ ހުށަހޅިދާނެ ކަމަށާއި އެ ކަންކަން ވަކިން ބަލައި ބަދަލެއް ނަގައިދޭން ހުރަހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމިއްޔާ، ޓީމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހުކުމުން، މައްސަލަ ހުށަހެޅި 22 މުވައްޒަފުންނަށް އެއްވެސް އިންސާފެއް ލިބިގެން ދިޔަ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ހަމައެއާއެކު، ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް، ކިތަންމެ އިހާނެތިކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރި ނަމަވެސް، ވަޒީފާދޭ ފަރާތުން އެކަމުގެ ޒިންމާ ނަގަން ނުޖެހޭ ގޮތަށް ކަމަށް ދެކޭ ކަމަށެވެ.
"އަދި ހަމައެހެންމެ ވަޒީފާއަދާކުރާ ކޮންމެ މުވައްޒަަކުވެސް ގާނޫނުތަކާއި ހިލާފަށް ވަޒީފާތަކުން ވަކިކުރަންވީ ކަމަށެވެ. އަދި ކޯޓު މަރުހަލާގައި މައްސަލަ ދިގުދަންމާލައިގެން، އިތުބާރުނެތްކަމަށް ވަޒީފާދޭ ފަރާތްތަކުން ބުނާ ހިސާބުން ވަކިކުރެވޭ މުވައްަފަށް އަނބުރާ ވަޒީފާއެއް، އެއްވެސް ބަދަލެއް، އިންސާފެއް ފޯރުކޮށްދޭންނުޖެހޭނެ ކަމަށް މާނަކުރެވޭ ގޮތަށް ކޮށްފައިވާ ހުކުމެއް ކަމުގައިވެސް ދަންނަވަމެވެ." ޓީމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓީމް އިން ބުނީ ސުޕްރީމް ކޯޓުގެ ހުކުމާއެކު ގާނޫނުއަސާސީގައި އަސާސީ ހައްގުތަކުގެ ގޮތުގައި ޖަމިއްޔާ ޖަމާއަތް ހެދުމާއި، ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، ހަޅުތާލުކުރުން ފަދަ ހައްގުތައް ލިޔެފައި އޮތުމުގެ ބޭނުން ކެނޑިގެން ގޮސްފައިވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ވެސް ހިލާފު ހުކުމެއް ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ހުކުމުގެ ސަބަބުން މަސައްކަތްތެރީންގެ ވަޒީފާގެ ރައްކާތެރިކަން އެކީ އެކަށް ގެއްލިގެން ހިނގައްޖެކަމުގައި ދެކޭ ހާލު، މަސައްކަތްތެރިންނަށް އަދުލު އިންސާފު ނެތިގެންދާ ދިއުމުގެ ކަންބޮޑުވުން ނިހާޔަތަށް އޮތް ކަމުގައި ދަންނަވަމެވެ." ޓީމް އިން ބުންޏެވެ.
ޓީމް އިން ބުނީ މި މައްސަލައިގައި، މުވައްޒަފުންނަށް އިންސާފު ލިބެންދެން ހުއްޓާނުލާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކާއި ކަމާގުޅޭ އިދާރާތަކަށް އެ "ނާއިންސާފު، ޖަންގަލީގެ ހުކުމަށް" އިންސާފު ހޯދަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު، ރައސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން ވެސް މައްސަލަ ބަލައިދިނުމަށް ޓީމް އިން ވަނީ ގޮވާލައިފަ އެވެ.
"ރިޝްވަތާއި، ފައިސާގެ ނުފޫޒާއި، އާރާއި ބާރުގެ ބޭނުން މިއަދު ހިފައި، އަދުލު އިންސާފު ނަގާލައި މި ޖަމިއްޔާގެ އަޑު ކަނޑުވާލަން ބާރުވެރި ފަރާތްތަކުން ރޭވިގެން އިންތިޒާމުވެގެން ކުރާ ކަންކަމަށް ސިހި ފަސް ނުޖެހޭނެ ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.