06 Feb 2021, 13:30
މޮސްކޯ (ފެބްރުއަރީ 6): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހައްޔަރު ކުރުމާ ދެކޮޅަށް އެގައުމުގައި ބޭއްވި މުޒާހަރާތަކެއްގައި ސްވިޑެން އާއި ޖަރުމަނާއި ޕޮލެންޑުގެ ޑިޕްލޮމެޓުންތަކެއް ބައިވެރިވި ކަމަށް ބުނެ، ރަޝިއާ އިން އެމީހުން ބޭރުކޮށްފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގައި ތިއްބަވާ ޑިޕްލޮމެޓުން "ގަވާއިދާ ހިލާފު މުޒާހާރާތަކުގައި" ބައިވެރިވުމަކީ އެގައުމަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ހުރިހާ ގައުމެއްގެ ޑިޕްލޮމެޓުން ވެސް ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމަކީ ރަޝިއާ އިން އެދޭ ކަމެކެވެ.
އެ މައްސަލާގައި ޖަރުމަނުން ވަނީ އެގައުމުގެ ޑިޕްލޮމެޓުން ބޭރު ކުރުން ދިފާއު ކުރުމަށް ރަޝިއާއަށް ދެއްކޭނެ ސަބަބެއް ނޯންނާނެ ކަމަށާއި އެ ނިންމުން ބަދަލުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި ރަޝިއާގެ ނިންމުމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ޕޮލެންޑުން ބުނި އިރު ސްވިޑެންއިން ވަނީ އެގައުމުގެ ޑިޕްލޮމެޓަކު މުޒާހަރާގައި ބައިވެރިވި ކަމަށް ބުނާ ތުހުމަތު ދޮގު ކޮށްފަ އެވެ.
މީގެ އިތުރުން އީޔޫގެ ފޮރިން އެފެއާސްގައި އިސްކޮށް ހުންނަވާ ޖޯސެފް ބެރެލް ވަނީ ރަޝިއާގެ ނިންމުން ކުށްވެރި ކުރައްވާ، ފޮރިން ޑިޕްލޮމެޓުން ގަވާއިދާ ހިލާފަށް އަމަލު ކުރެއްވި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ރަޝިއާ އިން ނަވަލްނީ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އޮގަސްޓު މަހު އޭނާގެ ހާލު ދެރަވެ، އޭނާއަށް ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިޔަ ފަހުންނެވެ. އަދި އޭނާއަށް ވިހަ ދީފައިވާކަން ޓެސްޓުތަކުން އެނގޭ ކަމަށް ޔޫރަޕުން ބުނި ފަހުންނެވެ.
ނަވަލްނީގެ ފަރުވާއަށް ފަހު އޭނާ ރަޝިއާއަށް އެނބުރީ ދިޔައީ މިދިޔަ މަހުގެ 17ގަ އެވެ. އަދި އެގައުމުން ވަގުތުން އޭނާ ހައްޔަރު ކުރި އެވެ. އެއީ 2014 ވަނަ އަހަރު ނަވަލްނީގެ މައްޗަށް ސާބިތުވި ހިޔާނާތުގެ މައްސަލައަކަށް ފަހު އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކަނޑައެޅި "ޕްރޮބޭޝަންގެ ޝަރުތުތަކަކާ" އޭނާ ހިލާފުވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ނަވަލްނީ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ.
ރަޝިއާގެ ދެ ކުންފުންޏެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ނަވަލްނީގެ މައްޗަށް ކުރި އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އޭނާ ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓީންގެ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތަށް ގިނަ ކަމަށާއި އޭނާއަށް ވިހަ ދިނީ އެ ސަރުކާރުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ނަވަލްނީ ހައްޔަރު ކުރުމާ ދެކޮޅަށް ރަޝިއާގައި މިދިޔަ މަހުގެ 23 އާއި 31ގައި ބޭއްވި މުޒާހަރާތަކުގައި އެތައް ހާސް މީހުން ބައިވެރިވި އެވެ. އަދި އެ މުޒާހަރާތަކުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވެ އެވެ.