އެމްޕީއެލް ސަރަހައްދުގައި ޓާފް ރޯލެއް ވެއްޓި އަނިޔާވި މަޖޫރީގެ ހާލަތު އަދިވެސް ވަރަށް ކްރިޓިކަލް ކަމަށާއި، އޭނާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ދަންވަރު އެ ހާދިސާ ހިނގީ މަޖޫރީންތަކެއް ޓާފް ރޯލުތަކެއް އަންލޯޑު ކުރުމަށްފަހު ކެރޭނެއް ބޭނުންކޮށްގެން ރޯލުތައް ދޯންޏަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކާޕެޓު ރޯލުގެ ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ 28 އަހަރުގެ މަޖޫރީއަަކަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ހާލު ވަރަށް ގޯސް ކަމަށެވެ. އަދި ވަރަށް ގިނަ ސާޖަރީތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ. އަދި ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން ޒިންމާވާ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޓާފް ރޯލެއް ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް ކޮންޓޭނަރަކުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓު ވެއްޓި ލިބުނު އަނިޔާތަކާ ހެދި އޭނާ މަރުވެފައިވެ އެވެ.