31 Jan 2012, 10:01
މިދާއިރާތަކާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ޤަތަރުގައި ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އެމެރިކާ ތައްޔާރުވަމުންދާއިރު މިވާހަކަތަކުގައި ބައިވެރިވާން އަފްޣާން ސަރުކާރުން އެދެއެވެ. ޤަތަރުން ދާދިފަހުންވަނީ ތާލިބާނުންގެ ސިޔާސީ އޮފީހެއް ހުޅުވުމުގެ ހުއްދަދީފައެވެ. ތާލިބާނުންނާއެކު ބޭއްވުމަށް ރޭވެމުންދާ ސުލްޙައިގެ ވާހަކަތައް ވިލަރެސް ކުރުމަށްޓަކައި ތާލިބާނުންގެ ބައެއް އިސްފަރާތްތަކާއި ޤަތަރުގެ ޚާރިޖިއްޔާއިން ގުޅުންތައް ބާއްވަމުންގެންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ތާލިބާނުންގެ ގަވަރނިންގ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ސުލްޙައިގެ ވާހަކަތައް ޤަތަރުގެ ބަދަލުގައި ސައޫދީ އަރަބިޔާގައި ބޭއްވުމަށް އަފްޣާން ސަރުކާރުން ބޭނުންވާ ކަމަށާ މިވާހަކަތަކުގައި ބައިވެރިވުމަށް އަވަށްޓެރި ޕާކިސްތާނުންވެސް އެދޭކަމުގައެވެ. ނަމަވެސް ޕާކިސްތާނުން މިކަން ކަށަވަރުކޮށެއް ނުދެއެވެ. މިކަމާބެހޭގޮތުން އަފްޣާން ސަރުކާރުންބުނީ މިވާހަކަތައް ޤަތަރުގައި ނޫނީ ސަޢޫދީ އަރަބިޔާގައި ނޫނީ ތުރުކީގައިވެސް ބޭއްވިޔަސް އަފްޣާން ސަރުކާރަށް މައްސަލައެއްނެތް ކަމުގައެވެ.
ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ބާއްވާ ޤައުމެއް އެމެރިކާއިން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ސުލްޙައިގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އެމެރިކާގެ މަސްއޫލުވެރިން ބަޔާންތައް ދެއްވާފައިވެއެވެ.
ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސް ހަނގުރާމަވެރި ޖަމާއަތެއްގެ ބަދަލުގައި ސިޔާސީ ޕާޓީއަކަށް ވުމަށް ތާލިބާން ޖަމާއަތަށް ހިއްވަރުދިނުން ކަމަށް ޤަތަރުން ބުނެއެވެ.
ތާލިބާނުންގެ މަސްއޫލުވެރިއަކުވަނީ ސުލްޙައިގެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުން ގުއަންޓެނަމޯ ޖަލުގައިވާ ތާލިބާން ހަނގުރާމަވެރިން ޤަތަރުގެ ޖަލަކަށް ބަދަލުކުރުމަށް ގޮވާލާފައެވެ. (ނޫސްއެޖެންސީތައް)