06 Feb 2021, 10:24
ވޮޝިންޓަން (ފެބްރުއަރީ 6) : އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހައްދުފަހަނަޅާފައިވާ މެންބަރަކު ހައުސްގެ ކޮމިޓީތަކުން ބޭރުކޮށްލައިފި އެވެ.
ކޮމިޓީތަކުން ބޭރުކޮށްލި މެންބަރަކީ ޖޯޖިއާ ތަމްސީލުކުރާ އަންހެން މެންބަރެއްކަމަށްވާ މާޖޮއުރީ ޓޭލާ ގްރީން އެވެ. ގްރީންއަކީ ހަގީގަތާއި އަސްލުނެތް ނަޒަރިއްޔާތުތަށް (ކޮންސްޕިރަސީ ތިޔަރީ) ވަރަށް ބޮޑަށް ގަބޫލުކުރައްވާ އަދި އެފަދަ ނަޒަރިއްޔާތަށް ޕްރޮމޯޓްކޮށް ފިތުނަ އުފައްދަން މަސައްކަތްކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ގްރީންއަކީ ދޮންނަސްލުގެ މީހުންނަކީ މާމަތީ ފަންތިއެއްގެ ބައެއްކަމަށާ ކަޅުމީހުންނާއި ދޮން ނޫން ނަސްލުތަކުގެ މީހުންނަކީ ދޮންމީހުންނަށްވުރެ މާދަށް ބައެއްކަމަށް ގަބޫލުކުރާ (ވައިޓް ސްޕްރެމަސީ) ފިކުރުގެ ބޭފުޅެއް ވެސްމެ އެވެ.
ގްރީންވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ މަރާލުމަށް ވެސް ފާޅުގައި ގޮވާލައްވާފަ އެވެ. އަދި އެމެރިކާ އިން ޔަހޫދީންނާއި މުސްލިމުންނާއި އެނޫން ވެސް ދީންތަކުގެ މީހުންނާއި ދޮން ނޫން ނަސްލުތަކުގެ މީހުން ބޭރުކުރުމަށް ވެސް އެތައް ފަހަރަކު ގޮވާލައްވާފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕަށް ތާއީދުކުރުމުގެ ގޮތުން ނަސްލީ އިމްތިޔާޒަށް ވަރަށް ބޮޑަށް ހިއްވަރުދެއްވައި ގްރީން ގިނަ ވާހަކަތަކެއް ދައްކަވާފައިވެ އެވެ.
މި ވާހަކަތަކާ އަދި ގްރީންގެ ހަރުކަށި ފިކުރުގެ ސަބަބުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ހައުސްގެ ތައުލިމާބެހޭ ކޮމިޓީންނާއި ބަޖެޓް ކޮމިޓީން އޭނާ ބޭރުކޮށްލުމަށް ހައުސްގެ މެންބަރުންގެ އަޣްލަބިއްޔަރުން އިއްޔެވަނީ ފާސްކޮށްފަ އެވެ. ގްރީންއާ ދެކޮޅަށް ނެގި ވޯޓަށް އޭނާގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ 11 މެންބަރަކު ވެސް ވޯޓުދެއްވި އެވެ. ގްރީން ކޮމިޓީތަކުން ބޭރުކޮށްލަން ތާއީދުކޮށްފައި ވަނީ ހައުސްގެ 230 މެންބަރުންނެވެ. އޭނާ ބޭރުކޮށްުލުމަށް ދެކޮޅު ހަފާދައި ވަނީ 199 މެންބަރުންނެވެ. އޭގެތެރޭގައި ގިނައީ ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ.
އެމެރިކާގައި ޕާލަމެންޓްގެ ކޮމިޓީތަކުން މިގޮތަށް މެންބަރުން ބޭރުކޮށްލުމަކީ ނާދިރު ކަމެކެވެ. ހައުސްގެ މިފިޔަވަޅާ ގުޅިގެން ގްރީންވަނީ ކޮންމެވެސް ވަރަކަށް ދެރަވެފައިފަ އެވެ. އޭނާގެ ބޮޑާކަން ވަގުތީ ގޮތުން އެއްފަރާތް ކުރެއްވުމަށް ފަހު ގްރީން ވިދާޅުވީ އަދަބު ދިނުމުން ކަންބޮޑުވާކަމަށާ އޭނާ ކުރިން ދައްކާފައިވާ ވާހަކަތަކާ މެދު ހިތާމަކުރާ ކަމުގަ އެވެ. ނަމަވެސް މައާފަށް އެދިވަޑައިނުގަންނަވާނެކަމަށާ އޭނާގެ ހަރުކަށި ފިކުރާއި ހައްދު ފަހަނަޅާފައިޥާ ވިސްނުމަށް ވެސް ބަދަލުނާންނާނެ ކަމަށް ގްރީން ވިދާޅުވި އެވެ.
އުމުރުން 46 އަހަރުގެ ގްރީންގެ ހާލަތުން އެމެރިކާގެ ދޮންނަސްލުގެ މީހުންގެ މެދުގައި ނަސްލީ އިމްތިޔާޒުގެ ހަރުކަށި ލާއިންސާނީ ވިސްނުމާއި ހައްދު ފަހަނަޅާފައިވާ ކަނާތު ފިޔައިގެ ފިކުރު (ފާރައިޓް) ފެތުރެމުންދާ މިންވަރު ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާމީހުންގެ ތެރޭގައި މިފިކުރުގެ ދޮންމީހުން ވަރަށް ގިނަ އެވެ. (ނޫސްއެޖެންސީތައް)