ރޭ ދަންވަރު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، އެ މީހާއަށް ބޮޑެތި އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން، ޒިންމާވާ ކުންފުންޏާއި، އެމްޕީއެލްގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީރިއަސް އަނިޔާތަކެއް ވެފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއަކަށް ކަމަށެވެ.

އަދި އެ ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މިއަދު ތަހުގީގު ފަށާފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ރޭ އެ ހާދިސާ ހިނގީ މަޖޫރީންތަކެއް ޓާފް ރޯލުތަކެއް އަންލޯޑު ކުރުމަށްފަހު ކެރޭނެއް ބޭނުންކޮށްގެން ރޯލުތައް ދޯންޏަކަށް އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"ކެރޭނުން ކާޕެޓު ރޯލު ނެގި ތަނުން މަތީގައި އިންދާ އޭގެ އެކަތި ކޮންމެވެސް ކަމެއް ދިމާވެގެން ވެއްޓުނީ،" އޮފިޝަލު ވިދާޅުވި އެވެ.

ކާޕެޓު ރޯލުގެ ދަށުވި 28 އަހަރުގެ މަޖޫރީއަަށް ބޮޑެތި އަނިޔާތަކެއްވެ، އޭނާގެ ހާލު ސީރިއަސް އެވެ. އެ މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ.

ނަމަވެސް އައިޖީއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ވެސް އަދި މެސެޖަށް ވެސް ޖަވާބުނުދެއްވާތީ، އެމީހާގެ މިހާރުގެ ހާލަތު ސާފުވާގޮތެއް ނުވެ އެވެ.

ރޭ ޓާފް ރޯލެއް ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި، ބިއްލޫރި ޕެލެޓެއް ކޮންޓޭނަރަކުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓު ވެއްޓި ލިބުނު އަނިޔާތަކާ ހެދި އޭނާ މަރުވެފައިވެ އެވެ.