06 Feb 2021, 09:04
ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދު ކުރަނީ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ކަމަށް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިހާބު ތާރީހަށް ނުބޭއްވި ލަސްކުރަން ޖެހިދާނެތީ އީސީއިން މިހާރު ވަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ނިޔާޒު "ސަން" އަށް ވިދާޅުވީ ޕެންޑެމިކްގެ ހާލަތުގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ހަމަ ހައްލުތަކެއް ހޯދައިގެން އިއުލާނުކުރި ތާރީހުގައި އިންތިހާބު ބޭއްވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އަދި އެގޮތަށް އެމްޑީޕީން ސަޕޯޓުވެސް ކުރާނީ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަކާލާތު ކުރާނީ އެގޮތަށް،" މެމްބަރު ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިނާ މެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އިންތިހާބު ނުބޭއްވޭނެ ފަދަ ކަމެއް ނޫން ކަމަށާއި ވާހަކަދައްކައިގެން ގައިޑްލައިން އިސްލާހުކޮށްގެން ވެސް އިންތިހާބާ ހަމައަށް ދެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އެންމެ ރަނގަޅު އުސޫލެއް ނޫން އެއޮތީކީ އިންތިހާބަކަށް ދާއިރު. މިއަށްވުރެ ރަނގަޅަށް މިކަން އޮތިއްޔާ ހުރިހާ ޕާޓީތަކަށް ވެސް ރަނގަޅުވާނެ. ދެން އަޅުގަނޑުމެން ވެސް ހުށަހެޅިން ކަރަންޓީނު ނުވެ ރަށްރަށަށް ގޮސް އެކަންކަން ކުރުމާއި ޖަލްސާތަކާ އެއްޗެހި ބާއްވާއިރު ވެސް އިންތިހާބަށް ފޯކަސް ކޮށްގެން ހާއްސަ ގޮތްތަކެއް ބޭއްވުމަށް. އެހެން ނަމަވެސް އެކަންކަމަށް ބަދަލެއް ނާދޭ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮންޖެހުންތަކާ އެކުވެސް، މި ހާލަތުގައި ބޭއްވޭނެ އެންމެ މިނިވަން އަދި އިންސާފުވެރި އިންތިހާބު، އިލެކްޝަންސް ކޮމިޝަނުން ބާއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ދަތިވާކަންކަން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދޭނެ. ސަރުކާރުން ވެސް އިންތިހާބު ބާއްވަން ބޭނުންވެގެން ފުރަތަމަ ވެސް އިސްލާހު ހުށަހެޅީ. އެހެންވީމަ އިންތިހާބު ބާއްވަން ދައްޗެއް އޮތިއްޔާ ހައްލުކޮށްދޭނެ،" ނިޔާޒު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުން ވަކި ގޮތެއް ނިންމަންދެން އިންތިހާބުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އީސީން ބުންޏެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.