05 Feb 2021, 22:14
މިއަދު މުޅި ރާއްޖެއިން 1،003 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 787 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދިން މީހުންނެވެ. އަދި އަތޮޅުތަކުން ވެކްސިން ދީފައިވަނީ 216 މީހަކަށެވެ.
މިއަދު ވެކްސިން ދިން މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމުލަ އަދަދު 4،269އަށް ވަނީ އަރާފަ އެވެ. މާލެ ސަރަހައްދުން ވެކްސިން ދިން މީހުންގެ ޖުމުލަ އަދަދަކީ 3،573 އެވެ. އަދި އަތޮޅުތަކުން ދީފައިވަނީ 696 މީހަކަށެވެ.
މިހާރު މާލެ ސަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނައިރު، އަތޮޅުތަކުގައި ހަތް ވެކްސިނޭޝަން ސެންޓަރު އެބަހުއްޓެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.
އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.