ރާއްޖެއިން މިއަދު 137 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 110 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަތް މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،547އަށް އަރާފަ އެވެ.

މިއަދު 137 މީހުން ޕޮޒިޓިވްވެފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 2014އަށް އަރާފަ އެެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 193 މީހަކަށެވެ.

މިއަދު 53 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 14،472އަށް އަރާފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 54 މީހުންނެވެ.