ދިމިޝްޤު (ޖަނަވަރީ 30) :ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމުގެ ނިޒާމް ވަރަށްބޮޑަށް ބަލިކަށިވެއްޖެ ކަމަށާއި އޭނާގެ ސިފައިން ވެސް މާޔޫސީ ޙާލަތަކަށް ގޮސްފައިވާ ކަމަށް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތަކުން ބުނެފި އެވެ.

ސީރިޔަން އާމީގެ ނަމުން ނަންދެވިފައިވާ އިދިކޮޅު ހަތިޔާރުއެޅި ޖަމާއަތުގެ ކޮމާންޑަރު ކާނަލް ރިޔާޒުލްއަސްޢަދް ވިދާޅުވީ ބައްޝާރުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންނާއި ފުލުންނާ ދެކޮޅަށް އެޖަމާއަތުން ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންގެންދާ ކަމަށާއި މިހަނގުރާމައިގާ ސަލާމަތީ ބާރުތައް ބަލިވަމުންދާ ކަމުގަ އެވެ. އަސްޢަދް ވިދާޅުވީ ސޫރިޔާގެ ބޮޑެތި ރައްތަކުގައާއި ރައްފުށުގެ ހިސާބުތަކުގައި ވެސް ސީރިޔަން އާމީގެ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާ ކަމުގައެވެ.

ނަތީޖާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުން މިހާރު ނެރެނީ ސޫރިޔާގެ އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ ޖުމްހޫރީ ގާޑުން ކަމަށް އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ ކުރިމަތިލުމުގައި ސަލާމަތީ ބާރުތައް ބަލިކަށިވަމުން ދާތީ ޢާންމުންނާ ދެކޮޅަށް ބަރުހަތިޔާރު ބޭނުންކުރަން ބައްޝާރު އަމުރުކުރައްވާފައިވާ ކަމަށާއި ބަރުހަތިޔާރު ބޭނުންކޮށްގެން މީހުންގެ ގެދޮރު ހަލާކުކޮށް ޢިމާރާތްތައް ފުނޑުފުނޑު ކުރަމުގައި އިސްދައުރެއް އަދާކުރަނީ ޖުމްހޫރީ ގާޑުންގެ ލަޝްކަރުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ގާޑުންނަކީ ސޫރިޔާގެ ސިފައިންނާއި ފުލުހުންނަށްވުރެ ބައްޝާރުގެ ސަރުކާރަށް ވަފާތެރި ބައެކެވެ. މިލަޝްކަރުތައް ތަމްރީންކޮށްފައި ވަނީ ސީދާ ވެރިކަމުގެ ނިޒާމް ޙިމާޔަތް ކުރުމަށާއި ވެރިކަންކުރާ ބަޢްޘު ޕާޓީގެ ސިޔާސީ ފިކްރާއި އައިޑިއޮލޮޖީ ދެމެހެއްޓުމުގެ މައްޗަށެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކުން މިދިޔަ ހުކުރު ދުވަހު ވެސް 95 މީހަކު މަރާލައި އެތަށް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. އަދި ކޮންމެދުވަހަކު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންކުރާ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި 50 ން 60 ން މީހުން މަރަމުން ގެންދެ އެވެ.

މިގޮތުން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި 7500 މީހުން ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ އެޤައުމުގައި އަހްލީ ހަނގުރާމައެއް ފެށިފައިވާ ކަމުގެ އިންޒާރު ދީފަ އެވެ.

ސީރިޔަން އާމީ ގެ ނަމުން ނަންދެވިފައިވާ އިދިކޮޅު ހަތިޔާރުއެޅި ޖަމާއަތަކީ އެޤައުމުގެ ސިފައިންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް ފަހު އިދިކޮޅު ފަރާތްތަކާގުޅޭ ސިފައިން އުފައްދާފައިވާ ޖަމާއަތެކެވެ. މިޖަމާއަތުން ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލިނަމަވެސް އިދިކޮޅު ފަރާތްތަކުން އަދިވެސް ގެންދަނީ ސުލްޙަވެރިކަމާއެކު ސަރުކާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި އިޙްތިޖާޖްތައް ހުއްޓުމެއްނެތި ކުރަމުންނެވެ. (އަލްޖަޒީރާ)