އައްޑޫ ސިޓީ ހުޅުދުއަށް ލެއްގި ކަނދުފައްޗަކުން އިންސާނެއްގެ އިސްތަށިގަނޑެއް ކަމަށް ބެލެވޭ އިސްތަށިގަނޑެއް ފެނިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.

ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ "ސަން" އަށް ވިދާޅުވީ އޮނުން ހަދާފައިވާ އެ ކަނދުފަތި ހުޅުދުއަށް ލެއްގި ކަމަށް ބެލެވެނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެެވެ.

ޝުކުރީ ވިދާޅުވީ ވަށައިގެން ދިދަތަކެއް ޖަހާފައިވާ އެ ކަނދުފަތީގެ ތެރޭގައި ހުރީ އެހެން ދީންތަކުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ ޒާތުގެ ދުންދަނޑި ފަދަ ތަކެތި ކަމަށެވެ.

ޖަހާފައި ހުރި ދިދަ ތަކާއި ކަނދުފަތި ވަރަށް ބޮޑަށް ހަލާކުވެފައި ވުމުން އެ ކަނދުފަތި މޫދުގައި އޮންނަތާ ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުކުރީ ވިދާޅުވީ އޭގެ ތެރޭގައި އިންސާނެއްގެ ވަރަށް ދިގު އިސްތަށިގަނޑެއް ވެސް އޮތް ކަމަށެވެ. އަދި އެއީ އެއްސުމަށްފަހު ބުޑުން ބުރިކޮށްލާފައި އޮތް އިސްތަށިގަނޑެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

"ގައިމުވެސް ހަމަ އަސްލު، ގުދުރަތީ އިސްތަށިގަނޑެއް އެއީ،" ޝުކުރީ ވިދާޅުވި އެވެ.

ހުޅުދުއަށް ލެއްގި ކަނދުފަތި

އެ އިސްތަށުގަނޑުގެ ލޭ ހުރިކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް، އެކަމުގެ ހަގީގަތް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ކަނދުފަތީގެ ތެރެއިން އިންސާނެއްގެ އިސްތަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށާއި، އޭތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިސްތަށިގަނޑުން ވެސް އަދި ކަނޑުފަތިން ވެސް ލޭ ފެނިފައިނުވާކަން އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.

ހުޅުދުއަށް ލެއްގި ކަނދުފަތި

އޮފިޝަލް ވިދާޅުވީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކަނދުފަތި މިހާރު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.