ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެހެނިހެން ކަންކަން ތަންފީޒުކުރުމަށް، އިއްޔެ އިން ފެށިގެން މަގުމަތީގައި އިތުރު ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މަސައްކަތުގައި ފުލުހުންގެ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއާ އޮފިސަރުން ވެސް ހިމެނޭ ގޮތަށް މަގުމަތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަގުތަކަށް އިތުރު ފުލުހުން ނެރެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.

އެގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި، 44 ސީނިއާ އޮފިސަރުން ހިމެނޭގޮތަށް 209 ފުލުހަކު ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުުހުން ބުނީ މިދިޔަ އަހަރު ތެރޭގައި މާލޭ ސިޓީ ލޮކްޑައުންއަކަށް ދިއުމާ ގުޅިގެންވެސް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން އެގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެެވެ.

ފުލުބުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑް19 ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ ނަމަވެސް، ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމުގައިވެސް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގައި ގުރޫޕްތަކުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތައް ހުއްޓުވައި، ތަހުގީގުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންގެ ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. އަދި ފުލުހުންގެ މަސައްކަތަށް އެއްބާރުލުންދީ މަގުމަތީގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް19 ގެ ކޭސްތައް އިތުރުވާން ފެށުމުން މާލެ ސަރަހައްދުގައި އަނެއްކާވެސް ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފަ އެވެ.