05 Feb 2021, 18:29
ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތަކަކާ ގުޅިގެން އަރައި ފޭބުން މަނާކުރި، ގދ. ތިނަދޫ އާންމު ހާލަތަށް ގެންގޮސްފި އެވެ.
ތިނަދޫ މޮނިޓަރިންގ އަށް ލީ މި މަހުގެ ތިން ވަނަ ދުވަހު، ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެ ދެމީހުން ޕޮޒިޓިވްވީ މަސައްކަތް ނިންމުމަށްފަހު އެނބުރި މާލެ އައިފަހުންނެވެ. އެ ދެމީހުން ތިބީ ރަށުގެ ގެސްޓްހައުސް އެއްގައި ކަމަށާއި، ގިނަ ބަޔަކާ ކޮންޓެކްޓުވި ކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ރަށް މޮނިޓަރިންގ އަށް ލީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ އެމީހުންނާ ކޮންޓެކްޓުވި 18 މީހުންގެ ސާމްޕަލް ވެސް ކޮވިޑް19 އަށް ނެގެޓިވް ކަމަށެވެ.
އެހެންކަމުން ރަށް މޮނިޓަރިންގ ގައި ބާއްވަން ޖެހޭ އިތުރު ސަބަބެއް ނެތުމުން މިހާރު އެރަށް ވަނީ އާންމު ހާލަތަށް ގެންގޮސްފަ އެވެ.
ސައީދު ވިދާޅުވީ މޮނިޓަރިންގ އުވާލި ނަމަވެސް، މާދަމާ އެރަށުން ރެންޑަމް ސާމްޕަލް ތަކެއް ނަގޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހު 400 ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުުމަށް މިމަހގެ ހަތަކުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ވަނީ ނިންމައިފަ އެވެ. ތިނަދޫ ކައުންސިލުން ވަނީ ހުރިހާ ރައްޔިތުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުންވެސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ހަދައިގެން ނޫނީ ދަތުރު ނުކުރެވޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.