ކުޅުދުއްފުށީ ސިޓީގައި ޖަމާވެފައިހުރި ކުނި ނައްތާލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހްމަދު އާޒިމް "ސަން"އަށް ވިދާޅުވީ ކުޅުދުއްފުށީގައި ޖަމާވެފައި ހުރި ކުނި ނައްތާލުމުގެ މަޝްރޫއު ކުރިއަށްގެންދާ ވެމްކޯގެ ޓީމު، އެ ސިޓީއަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން އެ މަޝްރޫއަށް ބޭނުންވާ ވެހިކަލްތަކާއެކު ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދަނީ. މާދަމާ ޕްރޮޖެކްޓް ފެށޭނެ." އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ފެށި އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ނައްތާނުލެވި، ޖަމާވެފައި ހުރި 92،000 ޓަނުގެ ކުނި ނައްތާލުމަށް ވަނީ ހަމަޖެހިފަ އެވެ.

"މި މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް މިގެންދަނީ ކުޅުދުއްފުށީގައި. ކުރިއަށް އޮތް ތަނުގައި އެކި ޒޯންތަކަށް ބަހާލައިގެން، ކުނި ޖަމާވެފައި ހުރި އެހެން ރަށްރަށުގައިވެސް މި މަޝްރޫއު ކުރިއަށްގެންދަން ރާވަމުންދަނީ." އާޒިމް ވިދާޅުވި އެވެ.