31 Jan 2012, 09:55
ޕެރިސް (ފެބްރުއަރީ 01) : ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ހާމަކުރައްވައިފި އެވެ.
ޓީވީ އިންޓަވިއުއެއްގައި ސާކޯޒީ ވިދާޅުވީ އިތުރު ދައުރެއްގައި ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމަށް ބޭނުންވާ ކަމަށާއި މިކަމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ޓަކައި ދާދިއަވަހަށް ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވާނެ ކަމުގަ އެވެ.
ނަމަވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ނެކަން ރަސްމީ ސިފައެއްގައި އޭނާ އިޢްލާނެއް ނުކުރައްވަ އެވެ.
ސަކޯޒީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ މާޗް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެތީ މިކަމަށް އަދި ވަގުތު އެބައޮތް ކަމުގަ އެވެ. ސަރުކޯޒީ ވަނީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންގެ ރުހުން ހޯދުމުގެ ގޮތުން އިތުރުފިޔަވަޅެއް އިއްޔެވެސް އަޅުއްވާފަ އެވެ.
އެއީ ރައްޔިތުންގެ އިޖްތިމާޢީ ޚަރަދުތަކަށް ލުއެއް ދެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. މިފިޔަވަޅުގެ ދަށުން ރައްޔިތުންގެ އިޖްތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް ކުންފުނިތަކުން އިޖްތިމާޢީ ޓެކުހެއް ނެގުމަށް ހަމަޖެހިފައިވެ އެވެ. ކުރިޔަށްއޮތް ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ސަރކޯޒީ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ވަރުގަދަ ކެންޑިޑޭޓަކަށް ވާނީ ސޯސަލިސްޓް ޕާޓީގެ ފަރާންސްވާ ހޮލާޑް އެވެ. ހޮލާޑް އަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑުކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެ އެވެ. (އަލްޖަޒީރާ)