ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ރައްކާތެރިކޮށް ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގައި ކަންބޮޑުވާ ބައެއް ކަންތައްތަކެއް ހުރުމުން އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮވިޑްގެ ތެރޭގައި ކައުންސިލް އިންތިހާބު ރައްކާތެރިކޮށް ބޭއްވުމާ ގުޅޭ ގޮތުން އެޗްޕީއޭއިން އެކުލަވާލި އުސޫލު އާންމު ކުރީ ރެ އެވެ. އެ ގައިޑްލައިން ދިރާސާ ކުރި އިރު އޭގައި ކަންބޮޑުވާ ބައެއް ކަންތައްތައް އެބަ ހުރި ކަމަށް މިއަދު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ "ސަން"އަށް ވިދާޅުވެފަ އެވެ.

ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތަަކަށް އެ ފަރާތްތަކަށް ތިބޭ ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އުސޫލުގައިވެ އެވެ. ޝަރީފު ވިދާޅުވީ، އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ވޯޓުލާން ފުރުސަތު ދެވޭނީ އެ މީހަކު ވޯޓުލާން ރަޖިސްޓްރީވި ތަނަކަށް ކަމެވެ.

"މިސާލަކަށް އައްޑޫ މީހަކު މާލޭގައި ހުރެެގެން ޕޮޒިޓިވްވެއްޖެއްޔާ އޭނާ މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމައެއްނުޖެއްސޭނެ އޭނާ މާލޭގައި ވޯޓުލާން ރަޖިސްޓްރީ ނުކުރާ ކަމަށް ވަންޏާ،" ޝަރީފު ވިދާޅުވި އެވެ.

އިންތިހާބަށް އަތޮޅުތެރެއަށް ދާއިރު، ކަރަންޓީނުގެ ހާއްސަ އުސޫލެއް ކަނޑައަޅައިދިނުމަށް އީސީއާއި ސިޔާސީ ޕާޓީތަކުން މީގެ ކުރިން އެދިފައިވެ އެވެ. ނަމަވެސް، އިންތިހާބަށް އަތޮޅު ތެރެއަށް ދާއިރު ކަރަންޓީނުވުމުގައި އާއި ކެމްޕޭން ޖަލްސާތައް ފަދަ ޖަލްސާތައް ބޭއްވުމުގައި އަމަލު ކުރާނެ ހާއްސަ އުސޫލުއް ކަނޑައަޅާފައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކަރަންޓީނުވުމުގައާއި ޖަލްސާ ބޭއްވުމުގައިވެސް އޮތީ ކުރިންވެސް އެކުލަވާލާފައި އޮތް އާންމުން މިހާރު އަމަލުކުރަމުންދާ އުސޫލުތައްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންތިހާބަށް ވަކި ލުއިތަކެއް ދީފައި ވަކި ގޮތްތަކެއް އަމަލުކޮށްފައި އޮތްތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝަރީފު ވިދާޅުވި އެވެ.

އެ އުސޫލު އެކުލަވާލާފައި ވަނީ ވަރަށް ބޮޑަށް ހަރަދު ބޮޑުވާނެ ގޮތަކަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. އެގޮތުން، އިތުރަށް މުވައްޒަފުން ނެގުމާއެކު، އޮފިޝަލުން ދެގުނަ ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަށް އިތުރަށް ބަޖެޓު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން އިންތިހާބުގެ މަސައްކަތަށް އިލެކްޝަންސް ކޮމިޝަނުން ބެކަޕް ޓީމެއްވެސް ނަގަން ޖެހެ އެވެ. އެއީ މުވައްޒަފުން ބަލިވެއްޖެ ހާލަތަކަށެވެ.

އެހެންކަމުން، ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ހުރި ދަތިތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ތަފްސީލުކޮށް ދިރާސާކުރުމަށްފަހު އެބަ ގަސްދު ކުރަން، މި އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ލިޔަން މީގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން. ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި، 9 މެއިގެ މުއްދަތު ތެރޭގައި، އިންތިހާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އަޅުގަނޑުމެން މަޖިލީހަށް ލިޔާނަން،" ޝަރީފު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުން ވަކި ގޮތެއް ނިންމަންދެން އިންތިހާބުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންތިހާބުގެ މަސައްކަތް ކުރިއަށްގެންދާނަން މަޖިލީހުން ވަކި ގޮތެއް ނާންގާ ކަމަށް ވަންޏާ،" ޝަރީފް ވިދާޅުވިއެވެ.