05 Feb 2021, 15:15
ސަބަބުތަކުގައި ހިފައި ބަލިތަކަށް ބޭސް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
އިސްލާމް ދީނުގެ މަގުސަދުތަކުގެ ތެރޭގައި އިންސާނާގެ ނަފްސާއި ފުރާނައާއި ނަސްލު ރައްކާތެރިކުރުން ހިމެނޭ ކަމަށެވެ. އެކަމަށް ޓަކައި ބޭނުންވާ ހުކުމްތައް މާތްﷲ ބާވައިލައްވައި ކީރިތި ރަސޫލާ (ސއވ) އެކަންކަން ބަޔާންކޮށްދެއްވިކަން ފާހަގަކުރި އެވެ.
ހުތުބާގައި ބުނެފައި ވަނީ، ދީން ގޮވާލަނީ ބަލިވެއްޖެ ނަމަ ބޭސް ކުރަން ކަމަށެވެ. އެގޮތުން، ކޮންމެ ބައްޔަކަށް ފަރުވާއެއް ލައްވާފައިވާ ކަމަށް ކީރިތި ރަސޫލާ (ސއވ) ކުރެއްވި ހަދީސެއް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ބޭސްފަރުވާ ކުރުން ފަދަ ކަންކަމުގައި މާތްﷲއަށް ބާރޯސާވާން ޖެހޭނެ ކަމަށް ހުތުބާގައިވެ އެވެ.
"އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ގޮވާލަނީ، ބަލިވެއްޖެ ނަމަ ބޭސްފަރުވާ ކުރުމަށެވެ،" ހުތުބާގައިވެ އެވެ.
ކޮންމެ ކަމެއްވެސް ވުމަށް ޓަކައި މާތްﷲ ދުނިޔެވީ ސަބަބުތަކެއް ލައްވާ ކަމަށް ހުތުބާގައިވެ އެވެ. އެ ސަބަބުތަކުގައި ހިފުމަކީ އެކަލާންގެއަށް ކިޔަމަންތެރިކަން އަދާކޮށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައިވެ އެވެ. އެހެންކަމުން އެ ސަބަބުތަކަކީ މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"އެ ސަބަބުތަަކުގައި ހިފުމަކީ މާތްﷲއަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާންގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ސަބަބުތަކަކީ ކަމެއް ހާސިލު ކުރުމުގައި މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެކެވެ،" ހުތުބާގައިވެ އެވެ.
ހަމައެއާއެކު ހަމައެކަނި އެ ސަބަބުތަކުގަައި ހިފުމަކީވެސް އަގީދާއާ ފުށޫއަރާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެހެންކަމުން، އަޅާގެ މައްޗަށް އޮތީ ސަބަބުތަކުގައި ހިފައި މާތްﷲގެ މައްޗަށް ބަރޯސާވުން ކަމަށް ބުނެފައިވެ އެވެ.
މިހާރު ކޮވިޑް-19ގެ ވަބާ ފެތުރެމުންދާއިރު، އަޅާނުލައި ދޫކޮށް، ފަރުވާކުޑަކޮށްލެވެން ނެތް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ފާހަގަ ކުރީ ވެކްސިން ދިނުމަކީ އެ ބަލިން މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި އޮތް ސަބަބެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވަމުންދާ ކަމެވެ. ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޮވާލަމުންދާކަންވެސް ފާހަގަ ކުރި އެވެ.
"އިސްލާމް ދީން ގޮވާލަނީ، ތިމާ ބަލިތަކުން ރައްކާތެރިވެ، އަނެކާވެސް ބަލިތަކުން ރައްކާތެރިކުރުމަށެވެ. އިސްލާމީ އުންމަތް އިއްތިފާގުވާ ޝަރުއީ ގާއިދާއެއްވެ އެވެ: ގެއްލުން ލިބުމެއް އަދި ގެއްލުމެއް ދިނުމެއް ނެތެވެ،" ހުތުބާގައިވެ އެވެ.
ބަލިމަޑުކަމަކީ އިންސާނުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ކުރިމަތި ކުރައްވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެކަލާންގެ އަޅުތަކުން އިމްތިހާނު ކުރައްވަނީ، އެކަލާންގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ދެއްކުމަށާއި، އެކަލާންގެއަށް ގޮންޖެހޭނެ ފަރާތެއް ނުވާކަން އެންގުމަށް ކަމަށް ހުތުބާގައިވެ އެވެ. އަދި އަޅުތަކުންގެ އީމާންކަމުގެ ތެދުވެރިކަން ބެލުމަށް ކަމަށެވެ.
މާތްﷲ ކުރިމަތިކުރައްވާ އިމްތިހާނުތަކާ ކުރިމަތިލާންވާނީ އެކަލާންގެ ކަނޑައަޅުއްވާފައިވާ މަންހަޖާ އެއްގޮތަށް ކަމަށްވެސް ހުތުބާގައިވެ އެވެ. އަދި އެ އިމްތިހާނަކީ ފެތުރެމުންދާ ބައްޔެއް ނަމަ އެއީ ބައްޔަކަށް ބޭނުންވާ ވެކްސިން ޖެހުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކަމަށް ބުނެފައިވެ އެވެ.
"މުސްލިމުންނަށް ކުރިމަތި ކުރައްވާ އިމްތިހާނުތަކާ ކުރިމަތިލާން ވާނީ ﷲ ކަނޑައަޅުއްވާފައިވާ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ﷲގެ ހަޟްރަތަށް އެނބުރި ރުޖޫއަވެ ތައުބާވެގެންނެވެ. ﷲ އަންްގަވާފައިވާ ގޮތަށް ފިޔަވަޅު އަޅައިގެންނެވެ. ބަލިމަޑުކަމެއް ނަމަ ބޭސްފަރުވާކޮށްގެންނެވެ. ބައްޔެއް ފެތުރެމުންދާނަމަ އެ ބައްޔަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކާތެރިވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ ބޯލަނބައިގެންނެވެ،" ހުތުބާގައިވެ އެވެ.
ބަލިތަކުން ރައްކާތެރިވުމަށް ބޭސް ކުރުމާއެކު މާތްﷲއަށް ގިނަގިނައިން ދުއާ ކުރުމަށްވެސް ހުތުބާގައި ގޮވާލައިފަ އެވެ.