31 Jan 2012, 09:41
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވުމަށް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ، ދައުލަތުގެ ދިފާއީ ބާރުތައް ކަމުގައިވާ ސިފައިންނާއި ފުލުހުން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ބައިއަތުހިފުމަށް 23 ޑިސެމްބަރުގެ އިއްތިހާދައި އިދިކޮޅު ފަރާތްތަކުން ރޭ ދަންވަރު ގޮވާލައިފި އެވެ.
އިދިކޮޅުފަރާތްތަކާ 23 ޑިސެމްބަރުގެ އިއްތިހާދު ރޭ ދަންވަރު ނައިބް ރައީސާ ބައްދަލުކުރެއްވުމަށް ފަހު ޖުމުހުރީ ޕާޓީގެ އޮފީހުގައި ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ފަރާތުން ބަޔާން އިއްވި ޕީޕީއެމްގެ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފްވުމުގެ ސަބަބުން ރައީސްގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް އިއްތިހާދުން ގަބޫލް ކުރާ ކަމަށާއި އިއްތިހާދުގެ ހުރިހާ ބައިވެރިން ނައިބް ރައީސަށް ބައިއަތު ހިފުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިއްތިހާދުގެ ފަރާތުން މިގޮވާލަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ހަމަ މިހާރުން މިހާރަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ބައިއަތުހިފަން. ޑރ. ވަހީދަކީ ސީދާ ދިވެހި ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރެވިފައިވާ ބޭފުޅާ. އެމަނިކުފާނު ނެތް ރާއްޖޭގެ ގާނޫނު އަސާސީ އާ ހިލާފްވެފައެއް. ނަމަވެސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފްވެ، ޗާޓުން ބޭރަށް ވަޑައިގެންފައި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ގާނޫނުތަކާ ހިލާފަށް އަމަލުތައް ބެހެއްޓުމާ އެކު އަންނަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބާއްވާނެ ކަމަށް ފާޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވުމުން އެމަނިކުފާނަކީ މިހާރު ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ކަމަށް އިއްތިހާދުން ގަބޫލް ނުކުރަން ނިންމާފައިވާ ކަމަށެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އިއްތިހާދުގެ ކަންބޮޑުވުންތައް ނައިބް ރައީސާ ހިއްސާ ކުރައްވާ ފައިވާ ކަމަށާއި އެގޮތުން ޕާޓީތަކުގެ ނިންމުން ހުށައެޅުއްވި ކަމަށާއި ނައިބް ރައީސަށް ހުށައެޅުއްވި ކަންތަށްތަކުގެ ތެރޭގައި ނައިބް ރައީސް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށާއި ދިވެހި ސިފައިންނާއި ފުލުހުން އެމަނިކުފާނުގެ އޯޑަރަށް ކިޔަމަން ވުމަށް ވެސް ދެންނެވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ރައީސް ނަޝީދަކީ މިއަދު ރާއްޖޭގެ ރައީސުލްޖުމުހުރިއްޔައެއްކަމަށް ގަބޫލެއްނުކުރަން. ކަނޑައެޅިގެން ގަނޫނު އަސާސީއާ ހިލާފަށް ކަންތައް ކޮށްފައި ވުމުން ރައީސުލްޖުމުހުރިއްޔާ ކަމުގެ މަގަމުގައި ހުންނެވުމުގެ އެއްވެސް ގާނޫނީ ބުރަދަނެއް]ނަޝީދަކަށް[ ނެތް. އެމަނިކުފާނަކީ މިގައުމަށް ހުރި ބޮޑު ބިރެއް. ރައީސް ނަޝީދުގެ ކަންކަން ހަމައަކަށް ނާޅުވައިފި ނަމަ މިގައުމުގައި ދާހިލީ ހަމަނުޖެހުން އުފެދި މިގައުމު ބޮޑު ބިރުވެރިކަމަކަށް ވެއްޓިދާނެ،" ޝަރީފް ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ނައިބް ރައީސް އިދިކޮޅު އިއްތިހާދުގެ މެންބަރުންނަށް ދެއްވި ޖާވާބު އަދި މީޑިޔާއާ އަށް ހާމަކުރައްވަން ބޭނުންނުވާ ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ.
އުމަރު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ޒިންމާތައް އަދާކުރުމުގައި ގައުމުގެ ވަލިއްޔުލް އަމުރުކަމުގެ މަގާމުގައި މިވަގު ތުހުންނެވި ބޭފުޅާގެ ޝަރުތު ހަމަނުވާކަމުގައި ވަނީ ނަމަ އެކަމުގެ ޒިންމާ އުފުލަވަން ތައްޔާރަށް ހުންނެވިތޯ ނައިބް ރައީސްގެ އަރިހުން އެއްސެވި ކަމަށާއި އެ ސުވާލުގެ ޖަވާބުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ގާނޫނުގައި ބުނާ ޒިންމާތައް އަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށެވެ.
ޑިސެމްބަރު 23ގެ އިއްތިހާދުން ރޭ 11:30ގައި ފުރަތަމަ ސިއްރު ބައްދަލުވުމެއް ޑީއާރުޕީ އޮފީހުގައި ބޭއްވުމަށް ފަހު، ނައިބް ރައީސް ޑރ. ވަހީދާ އެކު ވަނީ ގާތްގަނޑަކަށް 40 ވަރަކަށް މިނިޓްވަންދެން ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި، މިހާރު ސަރުކާރު ހިންގަމުން މި ދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ދަންނަވައިފަ އެވެ. އިދިކޮޅު އިއްތިހާދާ ސިޔާސީ ޕާޓީތަކުން ނައިބް ރައީސަށް ހުށައެޅި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނައިބް ރައީސް ވިދާޅުވި ބަސްފުޅު އަދި މީޑިޔާއަށް ހާމަކުރަން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނާއިބު ރައީސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްޑީޕީ ސަރުކާރު މިހާރު ހިނގަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރަށް ފޯނުން ގުޅި އިރު އޭނާ ފޯން ނުނަންގަވާތީ ސަރުކާރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.