04 Feb 2021, 22:44
މިއަދު މުޅި ރާއްޖޭގައި 1626 މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލޭގައި ވެކްސިން ޖަހާފައި ވަނީ 1477 މީހުންނަށެވެ. އަދި އަތޮޅު ތެރޭގައި 149 މީހުންނަށް ވެކްސިން ޖަހާފައިވާއިރު މިއަދުގެ ޖުމްލަ ވަނީ ހަވީރު 6:00ގެ ނިޔަލަށް 1626އަށް އަރާފަ އެވެ.
މިއަދު ވެކްސިން ޖެހި މީހުންނާއެކު ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 3204އަށް އަރާފަ އެވެ. އެއީ މާލެއިން 2786 މީހަކަށާއި އަތޮޅުތެރެެއިން 418 މީހަކަށެވެ.
މާލޭގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނަ އިރު އަތޮޅު ތެރޭގައި މިވަގުތު ހުރީ ހަތަރު ވެކްސިނޭޝަން ސެންޓަރެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.
އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.