މިއަދު ކޮވިޑް-19އަށް 134 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 110 މީހަކާއި އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ނުވަ މީހަކާއި ހިންގަމުންދާ ރިޒޯޓުތަކުން ޕޮޒިޓިވްވި 13 މީހަކާއި، ނުހިންގާ ރިޒޯޓަކުން ޕޮޒިޓިވްވި މީހަކާއި، އިންޑަސްޓްރިއަލް ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މި 134 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،410އަށް އަރާފަ އެވެ.

އިއްޔެ ޕޮޒިޓިވްވީ 124 މީހުންނެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 102 މީހަކު ހިމެނެ އެވެ.

މިއަދު 134 މީހުން ޕޮޒިޓިވްވެފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1930އަށް އަރާފަ އެެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 178 މީހަކަށެވެ.

މިއަދު 82 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 14،419އަށް އަރާފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 54 މީހުންނެވެ.