ހުޅުމާލޭ ޖަލުން 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭ ޖަލުން އަލާމާތްތައް ހުރި ގައިދީއެއް ފެނިގެން ޖަލުގައި ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީގެ އޮފިޝަލް ވިދާޅުވި އެވެ.

މިހާތަނަށް ޕޮސިޓިވްވެފައި ވަނީ ގައިދީން އެކަނި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ. ޕޮސިޓިވްވި މީހުން ވަނީ އެކަހެރިކުރެވިފައި ކަމަށާއި ކޮންޓެކްޓުން ކަރަންޓީނުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ ހުރިހާ ޖަލެއްގައި ކޮވިޑްގެ އަލާމާތްތައް ހުރިތޯ ބަލަން ބަންދުކޮށްފައި ތިބި މީހުންގެ ޗެކްއަޕް ކޮންމެ ދުވަހަކުވެސް ހަދާ ކަމަށެވެ. އަދި ހުޅުމާލޭ ޖަލު ފިޔަވައި އެހެން އެއްވެސް ޖަލަކުން ބަލީގެ އަލާމާތްތައް ހުރި މީހަކު ފެނިފައިނުވާ ކަމަށް ޔުސްރީން ވިދާޅުވި އެވެ.