ޗައިނާއިން ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު ލިޖޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާކަން ދަންނަވަން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ 100،000 ޑޯޒް އެވެ. ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ.

އެ ގައުމުން ދަނީ އެގައުމުގެ ސައިނޯފާމް ކުންފުނިން އުފެއްދި ސައިނޯފާމް ކޮވިޑް ވެކްސިން އެ ގައުމުގެ ރައްޔިތުންގެ ގަޔަށް ޖަހަމުންނެވެ.

ހަދިޔާ ކުރަން ނިިންމާފައިވާ ޑޯޒްތައް ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކޮށްފަ އެވެ. ނަމަވެސް އަދި އެ ވެކްސިން ދޭން ފަށާފައި ނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އިއްޔެއާ ހަމައަށް 1500 އަށް ވުރެ ގިނަ މީހުންނަށް އެ ވެކްސިން ޖަހާފައިވެ އެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.