ޓީޗަރުން ހިމެނޭގޮތަށް ފްރަންޓްލައިނުގައި މަސައްކަތްކުރާ އިތުރު އިދާރާތަކުގެ މުވައްޒަފަންނަށް ވެކްސިން ދޭން ފަށައިފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މި މަހުގެ އެއްވަަ ދުވަހުއެވެ. އެންމެ ފުރަތަމަ ވެކްސިން ދޭން ފެށީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ވޯކަރުންނަށް އަދި އުމުރުން 70 އަހަރުން މަތީގެ މީހުންނަށެވެ.

މިހާރު 65 އަހަރުން މަތީގެ މީހުންނަށާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފްރަންޓްލައިނާސް އަށް އަދި އެއާލައިން ކްރޫއިންނަށްވެސް ވެކްސިން ދޭން މިއަދު ވަނީ ފަށައިފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މާލެ ސަރަހައްދުގައި މަސައްކަތްކުރާ ޓީޗަރުންނަށާއި އެމްއޭސީއެލް، ވެމްކޯ އަދި އެމްޕީއެލް ފަދަ މުވައްސަސާތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.

"ފްރަންޓްލައިން ވޯކަރުންނަށް ރޯލްއައުޓް ކުރަން ފަށާފައިވަނީ. ކުރިއަށް އޮތްތަނުގައި އެލޮކޭޝަންތައް އިތުރަށް ހަދަމުންދާނެ،" އޮފިޝަލު ވިދާޅުވި އެވެ.

މާލެ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން އިއްޔެ ވަނީ ގދ. ފުވައްމުލައް ސިޓީ އަދި ނ. އަތޮޅާއި ހއ. އަތޮޅު ހޮސްޕިޓަލުގައިވެސް ވެކްސިން ފަށައިފަ އެވެ.

އަތޮޅުތެރެއަށް ވެކްސިން ފޮނުވޭ ވަރަކުން އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގައި ވެކްސިން ޖަހާނެ އެވެ.

އިއްޔެގެ ނިޔަލަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު މިއަދު 1،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މާލޭގައި ވެކްސިން ދެނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ސެނިހިޔާ އާއި ސޯޝަލް ސެންޓަރުގަ އެވެ.

އަތޮޅުތެރޭގައި ވެކްސިން ޖަހަނީ އަތޮޅުތެރޭ ހުންނަ ހޮސްޕިޓަލުތަކުގަ އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.