އައްޑޫ ސިޓީގައި 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް19ގެ ވެކްސިން ދޭން ފަށާފައިވާ ކަމަށް އެޗްއީއޯސީއިން ބުނެފި އެވެ.

އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުން ވެކްސިން ދިނުމަށް ރަޖިސްޓްރީ ކުރުމުގައި ވެކްސިން ސެންޓަރަށް ދިޔުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއަދު މާލޭ ސިޓީގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް ކޮވިޑް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުވާންޖެހޭ ކަންކަން

  • އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން

  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
  • ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
  • ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 1،578 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިއަދު މެންދުރު ފެށުމަށް ވަނީ ނިންމާފަ އެވެ. ރިސޯޓް މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.