މަތީގައިވާ ފޮޓޯގެ ކަނާތް ފަރާތުން އެ ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 2015 ވަނަ އަހަރަަށް މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމަށް ފަހު އިހުތިޖާޖު ކުރަމުން ދިޔަ އޭރުގެ އިދިކޮޅު މެމްބަރުންނަށް އިޝާރާތް ކުރައްވާ، ދެއްވި "ތަމްބްސް ޑައުން" އެވެ. އެކަންތައް ސިފަވީ އިދިކޮޅު ފަރާތްތައް އިހާނެތިކޮށްލުން ކަމަށެވެ.

އޭރު ސިޔާސީ މަސްރަހު އޮތް ގޮތުން އިދިކޮޅު ހުރިހާ ލީޑަރުންހެން ތިއްބެވީ ޖަލުގަ އެވެ. މަޖިލީހުގައި އޭރުގެ އިދިކޮޅު މެމްބަރުން ގެންދެވީ އެ ލީޑަރުން މިނިވަން ކުރަން ގޮވާލައި އިހުތިޖާޖުކޮށް މަޖިލީހުގެ ތަޅުން ހަލަބޮލިކުރައްވަމުންނެވެ. ރައީސް ޔާމީންގެ ރިޔާސަތުގައި އޭގެ ފަހުން ބޭއްވި ކޮންމެ ރިޔާސީ ބަޔާނެއް އިއްވާ ޖަލްސާއެއް ވެސް ދިޔައީ އެކަހަލަ ހަލަބޮލި ގޮތަކަށެވެ.

މިއަދު މަޖިލިސް ހުޅުވި ޖަލްސާ އޮތް އިރު، މިހާރުގެ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް ވެސް ހުންނަވަން ޖެހިވަޑައިގަތީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލުގަ އެވެ. އިދިކޮޅުން ބުނަނީ އެއީ ނާ އިންސާފު ހުކުމެއްކޮށް އެމަނިކުފާނަށް ދެމުން އަންނަ ނުހައްގު އަނިޔާއެއް ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކުރަން އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވައި މަޖިލިސް ކުރާ ގޭތެރޭގައި ތިއްބަވައިގެން ގެންދެވީ އިހުތިޖާޖު ކުރައްވަމުންނެވެ. ރައީސް ސޯލިހު ބަޔާން ދެއްވައި ނިންމަވާފައި ނުކުމެވަޑައިގަތް އިރު "ރައީސް ޔާމީން މިނިވަން ކުރޭ" ޖަހާފައިވާ ބޮޑު ބެނާއަށް ހިތްޕަވައިގެން އިދިކޮޅުގެ ތިން މެންބަރަކު އިމާރާތުގެ މައި ދޮރު ބައްދާލައްވައިގެން ތިއްބެވި އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަންޒަރު ފެނިވަޑައިގަތުމުން ބެނާ ހިއްޕަވައިގެން ހުންނެވި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކައިރިއަށް ރައީސް ވަޑައިގަންނަވަ އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މަޖިލިސް ރައީސް ނަޝީދުވެސް އެބޭފުޅުން ކައިރިއަށް ވަޑައިގަންނަވަ އެވެ. ރައީސް ސޯލިހު ސައީދާ އިރުކޮޅެއް ވަންދެން ވާހަކަފުޅު ދެއްކެވި އެވެ. އެ ދެއްކެވީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ.

ރައީސް ސޯލިހް ސައީދާ ވާހަަކަ ދައްކަވަނީ --

މި ވީޑިއޯވީ ސަރުކާރުގެ އެކްޓިވިސްޓުންނަށް ލިބުނު ބޮޑު ބާރަކަށެވެ. ފޯރިއާ އެކު އެ މީހުން ބުނީ މި ފެންނަނީ ހިތްތިރި ރައީސްއަކާއި ހިތް ހަރު ރައީސްއެއްގެ ތަފާތު ކަމަށެވެ. ގައުމު ބޭނުންވަނީ ސޯލިހު ފަދަ ހިތްތިރި ރައީސްއެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ރައީސް ޔާމީން އިދިކޮޅަށް ދިއްކޮށްލި ތަންބުސްޑައުން އާއި ރައީސް ސޯލިހު ވާދަވެރިންނަށް ދެއްކެވި "ހިތްތިރިކަން" ދައްކާލަން ފޮޓޯ ހަދާ ސޯޝަލް މީޑިއާގައި ވެސް މިހާރު ގެންދަނީ ދައުރުކުރަމުންނެވެ.

ރައީސްގެ އަރިހު ލީޑަރު ދޫކޮށްލުމަށް އާދޭސް ދެންނެވި

އިހުތިހާޖު ކުރަމުން ގެންދެވި މެންބަރު ސައީދު "ސަން"އަށް މިއަދު ވިދާޅުވީ، ރައީސް ކައިރިއަށް ވަޑައިގަތުމުން އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާ ކުރީ ކަމަށެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުުރުމަށް ރައީސް ސޯލިހު އަރިހު އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށްވެސް ރައީސަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެންމެ ކުޑަމިނުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް. އަދި ރައީސް ޔާމީނަށް އިންސާފު ލިބޭނެ ގޮތް ހަދައިދޭށޭ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް ރައީސަށް ދެންނެވިން،" ސައީދު ރައީސް އަރިހު ދެއްކެވި ވާހަކަތައް ވިދާޅުވެ ދެއްވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ކަންބޮޑުވުންތަކަށް ރައީސް ދެއްވީ ކުރު އެންމެ ޖަވާބެކެވެ؛ ވިދާޅުވީ؛ "އެކަންކަން ބަލައިދޭނެ" ކަމަށެވެ.