ކުރިއަށް އޮތްތަނުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުގައި ތިބެގެން ކޮވިޑް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ސިނާއަތުގައި މުވައްޒަފުންނަށް މިއަދު ވެކްސިން ޖެހުން ފެށުމުގެ ކުރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތސާދު ކޮޅަށް ޖަހައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ އިސްދައުރެއް އަދާކުރީ ޓޫރިޒަމް ސިނާއަތުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށެވެ.

ފުރަތަމަ ބޯޑަރު ހުޅުވާލިއިރު ފަތުރުވެރިން އަންނަމުންދިޔައީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ ވެސް ނުލަ އެވެ. ފަހުން ހަމަޖެއްސީ 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އަކާއެކު ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެ ގޮތަށެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެ މުވައްޒަފަކު މަސައްކަތްކުރާ ރިސޯޓަކާ އެންމެ ކައިރިން ވެކްސިން ސެންޓަރަކުން ވެކްސިންޖެހޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މީގެ އިތުރުން ބޮޑެތި ރިސޯޓުތަކަށް ޓީމު ގޮސްގެން އެތަނުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މުސްތަގުބަލުގައި އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ފެށުމުގެ ގޮތުން ސިނާއަތުގައި މަސައްކަތްކުރާ 10،000 މުވައްޒަފުންނަށް ވެކްސިން ޖަހާނެ އެވެ.

ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އެއާޕޯޓު ރެޕެއްގެ ގޮތުގައި މަސައްކަތްކުރާ ތޯހާ އަލީ އެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ވަނީ އެއާލައިންތަކުގެ ކްރޫއިންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށްވެސް ވެކްސިން ޖަހަން ފަށައިފަ އެވެ.

މީގެ އިތުރުން ރިސޯޓުތަކަށްގޮސް މަސައްކަތްކުރާ ފަންނާނުންނަށް ވެސް މިއަދުން ފެށިގެން ވެކްސިން ދޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. މިހާރު ވެކްސިން ދެނީ ސިއްހީ ހިދުމަތްތެރިންނާއި އުމުރުން 65 އަހަަރުން މަތީގެ މީހުންނަށް އަދި ސޯޝަލް ވޯކަރުންނަށާއި ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

އިއްޔެގެ ނިޔަލަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު މިއަދު 1،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މާލޭގައި ވެކްސިން ދެނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ސެނިހިޔާ އާއި ސޯޝަލް ސެންޓަރުގަ އެވެ.

އަތޮޅުތެރޭގައި ވެކްސިން ޖަހަނީ އަތޮޅުތެރޭ ހުންނަ ހޮސްޕިޓަލުތަކުގަ އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ބައްދަލުވާ، ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މިހާރު ވަނީ ޕޯޓައެއް ގާއިމްކޮށް ރެޖިސްޓާ ވާން ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.