ލަންޑަން (ފެބްރުއަރީ 4): ކޮވިޑް-19އަށް ހާއްސަ ދެ ވެކްސިނެއް މީހުންގެ ގަޔަށް ޖެހުމުގެ ރައްކާތެރިކަމާއި ކާމިޔާބީއާ ބެހޭ ދިރާސާއެއް އިނގިރޭސިވިލާތުން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެޔާއިން ބުނި ގޮތުގައި 9.55 މިލިއަން ޑޮލަރުގެ އެ ދިރާސާގައި ބައިވެރިވާ މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދޭނެ އެވެ. ނަމަވެސް އެ ދެ ޑޯޒް އަކީ ތަފާތު ދެ ކުންފުންޏަކުން އުފައްދާފައިވާ ކޮވިޑް ވެކްސިންއަށް ވާނެ އެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން އުފައްދާފައިވާ ވެކްސިން އާއި އެމެރިކާގެ ފައިޒާއިން އުފައްދާފައިވާ ވެކްސިން އެވެ.

އިނގިރޭސި ހެލްތު ޑިޕާޓްމެންޓުން ބުނި ގޮތުގައި ކުރިއަށް އޮތް 13 މަހަށް ކުރިއަށްގެންދާ އެ ދިރާސާގައި ބައެއް މީހުންނަށް ފުރަތަމަ ފައިޒާ ވެކްސިންގެ ޑޯޒް އެއް ދޭނެ އެވެ. އެއަށް ފަހު ހަތަރު ހަފްތާ އާއި 12 ހަފްތާއާ ދެމެދުގެ މުއްދަތަކަށް ފަހު އެ މީހަކަށް އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒް އެއް ދޭނެ އެވެ. އަދި އެހެން މީހުންނަށް ފުރަތަމަ އެސްޓްރާޒެނެކާ ވެކްސިން ދިނުމަށް ފަހު ދެވަނަ ޑޯޒްއަކަށް ފައިޒާ ވެކްސިން ދޭނެ އެވެ.

އެ ދިރާސާ ލަންޑަން އާއި ލިވަޕޫލް އާއި އޮކްސްފޯޑް ހިމެނޭ ގޮތަށް އަށް ރިސާޗް ސައިޓެއްގައި ކުރިއަށްގެންދާ އިރު ދިރާސާ ހިނގަމުންދާ ގޮތް ބަލާނީ އެގައުމުގެ ނެޝަނަލް އިމިއުނައިޒޭޝަން ޝެޑިއުލް އިވަލުއޭޝަން ކޮންޒޯޓިއަމް (އެންއައިއެސްއީސީ)އިންނެވެ.

އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި އެގައުމުގެ ރިސާޗް އެތިކްސް ކޮމިޓީ އާއި މެޑިސިންސް އެންޑް ހެލްތުކެޔާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ވަނީ އެ ދިރާސާ ކުރިއަށްގެންދިޔުމަށް ހުއްދަ ދީފަ އެވެ. އަދި އެ ދިރާސާގައި ބައިވެރިވާނެ މީހުން މިއަދު ހޯދަން ފަށާ އިރު، އެގައުމުން 800 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

"މި ވެކްސިންތައް ތަފާތު ގޮތްތަކަށް ބޭނުން ކުރުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބޭނުންތެރި ހެކި ފޯރުކޮށްދޭނެ މުހިއްމު ދިރާސާއެއްމީ،" ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމާ ބެހޭ މިނިސްޓަރު ނަދީމް ޒަހާވީ ވިދާޅުވި އެވެ.

އިނގިރޭސި ހެލްތު ޑިޕާޓްމެންޓުން ބުނި ގޮތުގައި އެ ދިރާސާއިން ރަނގަޅު ނަތީޖާއެއް ލިބިއްޖެ ނަމަ އެގައުމުގައި ވެކްސިން ދޭ ގޮތަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ސަރުކާރުން ވިސްނާނެ އެވެ.

އިނގިރޭސިވިލާތުން މިހާރު ދަނީ އެގައުމުގައި އެސްޓްރާޒެނެކާ ވެކްސިން އާއި ފައިޒާ ވެކްސިން ވަކިވަކިން ދެމުންނެވެ. އަދި ވެކްސިންގެ އެއް ޑޯޒް މިހާތަނަށް 10 މިލިއަން މީހުންނަށް ދީފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 3.9 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 109,547 މީހުން ވަނީ މަރުވެފަ އެވެ.