04 Feb 2021, 13:41
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އުންމީދީ އެއްވެސް ވާހަކައެއް ނެތް ކަމަށާއި އެ ބަޔާން ބިނާ ވަނީ ދޮގާއި މަކަރުގެ މައްޗަށް ކަމަށް އިދިކޮޅުން ބުނެފި އެވެ.
ގައުމުގެ މިހާރުގެ ހަލަތާއި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތްތަކުގެ މައްޗަށް އަލިއަޅުވާލާއި، މިއަހަރު ވެސް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ރިޔާސީ ބަޔާން މިއަދު އިއްވަވައިފަ އެވެ.
އެ ބަޔާނަށް އިދިކޮޅުން ފާޑު ކިޔަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން ކަމަށެވެ. އަދި އެ ބަޔާނުން އެއްވެސް ކަހަލަ އުންމީދީ ވާހަކެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ދޮގާއި މަކަރާ ހީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
ބަޔާނާ ގުޅޭ ގޮތުން ޓްވީޓް ކުރައްވައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އެ ބަޔާން ސިފަކުރެއްވީ އެއްވެސް އޮއްޓަރެއް ނެތް "ފޮޅި ބަޔާން"ގެ ގޮތުގަ އެވެ.
"ރިޔާސީ ބަޔާނުން އިތުރަށް ރައްޔިތުންވީ މާޔޫސް. ހެއްދެވީ ދޮގު،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަޒީފާތަކުން ޒުވާނުން ވަކިކުރި ކަމަށާއި އެ ޒުވާނުންނަށް ދިން އެލަވަންސެއް އަދި ލޯނު ލިބުނު ރައްޔިތަކު މި ގައުމުގައި ނެތް ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުދި އަދި މެދުފަތީގެ ވިޔަފާރިތައް ހިމެނޭ ގޮތަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދުކޮށްފައިވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކަންބޮޑުވުމަކީ، އެ ސަރުކާރުން އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތަކާ ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި އެއްވެސް ވާހަކައެއް ނެތުމުންނެވެ.
"ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހްސާސްތަކާ ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެއްޖެ،" މާލޭ ސިޓީ މޭޔަރު ކަމަށް އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓު މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވި ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. އަދި އެވަގުތުގައި މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން އިހްތިޖާޖްވެސް ކުރި އެވެ. ޖަލްސާ ބޮއިކޮޓް ކުރީ، އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން "ނުހައްގުން އަނިޔާ" ދެމުން ގެންދާތީކަމަށް އެ މެމްބަރުން ބުނެ އެވެ.