މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކުގައި އަނިޔާ ލިބެގެން އައިސީޔޫގައި ފަރުވާދިން ޒުވާނާގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މާލޭގައި އާދިއްތަ ދުވަހު ހިނގި ހަތަރު މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވި އެވެ. އައިސީޔޫގައި ފަރުވާދިނީ ވިލިމާލޭ ފެރީޓާމިނަލް ކައިރިން ޒަހަމްވި ޒުވާނެކެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ، އޭނާގެ ހާލު ރަނގަޅުވުމުން މިހާރު އައިސީޔޫއިން ނެރެފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެ އެވެ.

މާރާމާރީތަކާ ގުޅިގެން ތިން ކުޑަކުދިންނާއެކު ފަސް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ދެމީހެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

ގޭންގް މާރާމާރީތައް ނުހިނގާ ދުވަސްގަނޑެެއްވުމަށްފަހު، ސިލްސިލާ މާރާމާރީތައް ފެށުނީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެހެން ނަމަވެސް "ސަން"އަށް ހޯދި ހޯދުންތަކުން އެނގުނީ، މާރާމާރީ ހިންގުމުގެ ފެށުމުގެ އަސްލު ގުޅެނީ، 2017 ވަނަ އަހަރު ވަޅި ޖަހައި މަރާލި ނަދީމް އަބްދުއްރަހީމް (ނަޑޭ)، 23 މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަޔަކު ދިން ހެކިބަހަކާ އެވެ.