04 Feb 2021, 10:38
ކޮވިޑްގެ ބަލިމަޑުކަމާއެކު ރައްޔިތުންނަށް އެހީވުމަށް ފެނާއި ކަރަންޓު ބިލުން 117 މިލިއަނަށްވުރެ ގިނަ ރުފިޔާ މާފުކޮށް، ވިޔަފާރިތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރަސްމީކޮށް މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ކޮވިޑްގެ ރާޅާއެކު، އިގްތިސާދު ހީނަރުވުމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން ދިމާވި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.
"ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަދިނިން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި،" ރައީސް ވިދާޅުވި އެވެ.

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުން -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ ހާލަތު އެ ގޮތަށް ދޫކޮށްލައި، އަދި އިގްތިސާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެހާލުގައި ދޫކޮށްލި ނަމަ، މުޅި ގައުމަށް ކުރިމަތިވާނެ ގެއްލުން އެމަނިކުފާނަށް އަންދާޒާ ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.
"އިގްތިސާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާ މެދު، ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު އަޅުގަނޑަށް ވަޒަންކުރެވޭ،" ރައީސް ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ދިން އިތުރު އެހީތަކަށްވެސް ރިޔާސީ ބަޔާނުގައި ރައީސް އަލިއަޅުވާލި އެވެ. އެގޮތުން ހަހައުސިން ލޯންތަކަށް ލުއި ދީ، މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދިމިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް ހަ މަސްދުވަސް ފަސްކޮށްދިނިން. އަދި ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދީފައިވާނެ،" ރައީސް ވިދާޅުވި އެވެ.

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
އިގްތިސާދަށް ކުރިމަތިވެފައިވާ މި ނުތަނަވަސް ދަނޑިވަޅުގައިވެސް ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު ރައީސް ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ވިސްނުމަކަށްވީ، އެ ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދިނުން ކަމަށާއި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ،" ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައިވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ވާނީ ނިންމާފައެވެ. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ބަޖެޓްގެ ޖުމްލަ ހަރަދަކީ، 37.9 ބިލިއަން ރުފިޔާ އެވެ. އިގްތިސާދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ހަރަދު ކުޑަކުރުމަށް އިސްކަން ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮވިޑްގެ ހަރަދުތަކާ އެކު، މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ހަރަދަކީ 28.5 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވި އެވެ.
"ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެމުން މިއައީ، ސިވިލް ސާވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް،"ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު ކަމަށާއި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބި، އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނުކަން ރައީސް ރިޔާސީ ބަޔާނުގައި ފާހަގަ ކުރެވި އެވެ. ރާއްޖެއަށް ކުރިމަތިވެފައި މިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެއް އަހަރާ ދެހަރުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސް ލަފާ ކުރައްވަ އެވެ.