04 Feb 2021, 10:53
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މަސްތުވާތަކެތީގެ ވަަބާގައި ޖެހިފައިވާ މީހުންގެ ކަންކަން ހައްލުކުރުމަށް ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ އިޖުތިމާއީ ދާއިރާއިން ސަރުކާރުން ކޮށްފައިވާ އަދި ކުރިއަށް ރާވާފައި ހުރިކަންކަން ހާމަކޮށްދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ހާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބި ކަމަށެވެ.
އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްވެސް ލިބިފައި ހުރި ކަމަށާއި އެމައްސަލަތައް ތަހުގީގުކޮށް ބަލަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ކުދިންނަށް އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ފުވައްލުމަކުގައި ގާއިމުކުރި އަމާން ވެއްޓަށް 51 ކުއްޖަކު މިހާރު ބަދަލުކޮށްފައިވާނެ ކަމަށާއި އެ ބަދަލުގެ ސަބަބުން، އިޖްތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު އެކުދިންނަށް ލިބިގެންދާނެ ކަމަށެވެ.
ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އޭގެ އިތުރުން، ފަހުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި، މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ގާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިކަމުގައި ހޭދަވެގެން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ފާޅުވެގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ، އެކަންކަން ހައްލުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި، ދޫކޮށްލެވިފައި ހުރި އިޖްތިމާއީ މައްސަލަތަކުގެ ގިނަކަން ކަމަށެވެ.
އޭގެތެރެއިންވެސް، ގެވެށި އަނިޔާގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކަކީ، އަވަސް ހައްލަކަށް ބޭނުންވާ ކަންކަމުގެ ގޮތުގައި ރައީށް ފާހަގަކުރެއްވި އެވެ.
"މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިއަހަރު ކުރާނެ އެންމެ މުހިއްމު ކަމަކީ، އެފަދަ މީހުން އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
އެގޮތުން ލ. ކަޅައިދޫގައި ހަދާ މަރުކަޒުގައި ތައުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ، 2011 ވަނަ އަހަރު އަމަލުކުރަން ފެށި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ލާޒިމްކޮށްފައި އޮތް ކަމެކެވެ.
އޭގެ 10 އަހަރު ފަހުން ގުޅީފަޅުގައި އެމަރުކަޒު ގާއިމުކޮށް، އެތަނުގައި ބައެއް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވަނީ ފަށައިފަ އެވެ.
"މާތްﷲގެ ވާގިފުޅާއެކު، މި ސެންޓަރުގެ ސަބަބުން، މަގުމަތިވެފައިވާ ޒުވާނުންގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރާ މީހުން، ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.