04 Feb 2021, 10:30
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވި ވަގުތާ ދިމާކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން މަޖިލިސް ކައިރީ މުޒާހަރާކޮށްފި އެވެ.
ފުލުހުން މަޖިލިސް ކައިރީގައި އޮންނަ މަގުތައް ބެރިކޭޑު ޖަހައި ބަންދުކޮށްފައި ހުރުމުން ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންގެ މުޒާހަރާ ކުރީ މަޖީދިއްޔާ ސްކޫލް ކުރިމަތީގަ އެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން އަޑުއުފުލަމުން ދިޔައީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި، ގިނަ ދުވަސްވަމުންދާތީ ކަމަށް ބުނެ އެވެ.
އެގޮތުން ފަސް ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް އަދިވެސް ނޭޅޭ ކަމަށާއި ކޮވިޑުގެ ނަމުގައި ތައުލީމީ ނިޒާމު ފުނޑާލާފައިވާ ކަމަށް އެ މީހުން ގޮވަމުން ދިޔަ އެވެ.
މިއަދު ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި އިރު މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އަޑުގަދަ ކުރައްވައި ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ.