ނޭޕީޑޯ (ފެބްރުއަރީ 4): މިޔަންމާގެ އަސްކަރީ ސަރުކާރުން އެގައުމުގައި ފޭސްބުކާއި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކޮށްލި އަސްކަރިއްޔާއިން އެގައުމުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދީ، އާ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެގައުމުގެ ގިނަ އަދަދެއްގެ މީހުން ސޯޝަލް މީޑިއާ ބޭނުން ކުރަމުން ދަނިކޮށެވެ. އެގޮތުން މަދަނީ ބަސްނޭހުމުގެ ކެމްޕޭންތަކާއި ރޭގަނޑު ތެއްޔާއި ތަވާ ފަދަ ތަކެތީގައި ތަޅާ މުޒާހަރާތަކުގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.

މިޔަންމާގެ ކޮމިއުނިކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އަޅާފައިވާ ހުރަސްތައް އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ދެމި އޮންނާނެ އެވެ.

"މިވަގުތު ގައުމުގެ ހަމަޖެހުމަށް ހުރަސް އަޅަމުންދާ މީހުން ދަނީ ފޭސްބުކް މެދުވެރިކޮށް ސައްހަ ނޫން ހަބަރާއި މައުލޫމާތު ފަތުރާ، މީހުންނަށް އޮޅުވާލަމުން،" ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ އޮންލައިން ހިދުމަތްތައް މޮނިޓާ ކުރާ ނެޓްބްލޮކްސް ޖަމިއްޔާއިން ބުނި ގޮތުގައި މިޔަންމާގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނީގެ އިތުރުން އެހެން ކުންފުނިތަކުން ވެސް ވަނީ ފޭސްބުކް، އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ބޭނުން ކުރުމަށް ހުރަސް އަޅައިފަ އެވެ.

ފޭސްބުކްއިން ވެސް ވަނީ މިޔަންމާގައި އެ ކުންފުނީގެ އެޕް ބޭނުން ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނީގެ ތަރުޖަމާނު އޭންޑީ ސްޓޯން ވަނީ މިޔަންމާގެ ރައްޔިތުންނަށް އެމީހުންގެ އާއިލާ އާއި އެކުވެރިންނާ މުއާސަލާތު ކުރެވޭނެ ގޮތް ހެދުމަށާއި މުހިއްމު މައުލޫމާތު ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން ފޭސްބުކް ބޭނުން ކުރެވޭ ގޮތް އަލުން ހެދުމަށް ގޮވާލައްވައިފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އަންގް ލެއިންގް އެގައުމުގައި އެއް އަހަރަށް ކުއްލި ހާލަތު އިއުލާންކޮށް، ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އެވެ. އެ އިންތިހާބުގެ ސޫޗީގެ ޕާޓީން 80 ޕަސެންޓު ވޯޓު ކާމިޔާބު ކުރި އެވެ. އަދި އަސްކަރިއްޔާ އިން ވަނީ އެ އިންތިހާބުގައި މައްސަލަތައް ހުރި ކަމަށާއި އަލުން އިންތިހާބެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.

އެ ބަޣާތާވް ކުރުމަށް ސޫޗީ އާއި ކުރީގެ ރައީސް ވިން މަޔަންޓް ހައްޔަރުކޮށްފައިވާ އިރު ސޫޗީ ހުންނެވި ތަނަކާ ބެހޭ ގޮތުން އަސްކަރިއްޔާ އިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް އޭނާ ހުންނެވީ ގޭ ބަންދުގައި ކަމަށް އޭނާގެ ޕާޓީން ވަނީ ބުނެފަ އެވެ.

މިޔަންމާގެ ސަރުކާރުން މީގެ ކުރިންވެސް އެގައުމުގެ އެކި ސަރަހައްދުތަކުގައި އިންޓަނެޓު ބޭނުން ނުކުރެވޭ ގޮތް ހަދާފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު އެގައުމުގެ ރާހީން ސްޓޭޓުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަނުގެ ތެރޭގައި އެ ސަރަހައްދުގައި އިންޓަނެޓުގެ ހިދުމަތަށް ހުރަސް އަޅާފައިވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާ އިން ރާހިން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށީ، އަރާކަން ރޮހިންގާ ސެލްވޭޝަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން މިޔަންމާގެ ފުލުހުންތަކެއް މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާތަކަށް ފަހު، ހަނގުރާމަވެރިން އަތުލައިގަތުމަށް ކަމަށް ބުނެ މިޔަންމާއިން ފެށި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ.

އޭގެ ސަބަބަބުން 750،000 އަށް ވުރެ ގިނަ ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ.