04 Feb 2021, 10:04
ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ހައްގުތަކުން މަހްރޫމްކޮށް، މުޖްތަމައު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ ކަމަށާއި، ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ އަގީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެވެ.
ރައީސް ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި އިޖްތިމާއީ އުސޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށެވެ.
"[އެހެންކަމުން] ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ހައްގުތަކުން މަހްރޫމްކޮށް، މުޖްތަމައު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި އޯލެވެލް އިމްތިހާނާ ދިމާކޮށް އެ ރަށު ސްކޫލުގެ ލެބޯޓްރީ ގޮއްވާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ޓެރަރިސްޓު ޖަމާއަތް އައިސްއެސްއާ ގުޅިގެން ޓެރަރިޒަމްގެ ހަމަލާ ދިނުމަށް ރޭވި ކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ.
މިދިޔަ އަހަރު ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގި އިރު، އެފިކުރުގެ މީހުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި އިއްޔެ ވަނީ ހުޅުވައިފަ އެވެ. ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގައި ގާއިމްކުރި ސްޕެޝަލް މެނޭޖުމެންޓު ޔުނިޓަކީ 100 ގައިދީންގެ ޖާގައިގެ ޔުނިޓެއް ކަމަށެވެ. ޔުނިޓްގައި ގައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ގެނައުމަށް ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.