މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގައިމުކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގައިމް ކުރުމަކީ، މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކުރުމަށް ދެއްވާ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ 70 ޕަސަަންޓަށްވުރެ ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ނެތް ކަމަށެވެ. ވެރިކަމާ ހަވާލުވުމަށްފަހު، މިދިޔަ ދެ އަހަރު ވަރަށް ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގައިމްކުރުން ފެށިފައިވާ ކަމަށާއި މިހާރު މަސައްކަތް ނުފެށި ވަނީ ވަރަށް މަދު ރަށެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް ﷲގެ ވާގިފުޅާއެކު ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން ކުންފުނިތަކާ ހަވާލު ކުރެވޭނެ ކަމަށެވެ. އަދި އެ 20 ރަށުގެ މަޝްރޫއުވެސް މިއަހަރުގެ ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ކޮވިޑާ ގުޅުގެން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރުން އަރައިިގަތުމަށް އެއް އަހަރާއި ދެއަހަރުގެ މުއްދަތެއް ނަގާނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ކޮވިޑްގެ ސަބަބުން، ނިސްބަތުން އިގްތިސޯދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދު އޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައިކަން ފާހަގަކުރެއްވި އެވެ.

"ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި، އިގްތިސޯދު ސިންދަފާތުކޮށް، އިގްތިސޯދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް، ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.