ދަށު ކޯޓުތަކުގެ ފަޑިޔާރުން ހުވާކުރައްވައިގެން ތިއްބެވީ ޗުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ) އަށް ލިބިފައިވާ ދުސްތޫރީ ބާރުގެ ތެރެއިން ފަނޑިޔާރުންގެ ގާނޫނާ އެއްގޮތަށް ތިބި ސައްހަ ފަޑިޔާރުން ކަމަށާއި އެ ފަޑިޔާރުންގެ މުސާރަ ހިފެހެއްޓުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ދަށު ކޯޓުތަކުގެ ހުކުމްތައް ގަބޫލް ނުކުރައްވާ ކަމަށާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ހިފަހައްޓާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައި ވަނިކޮށް އެ ކޮމިޝަނުން މިއަދު ނެރުނު 11 ސޮފްހާގެ ބަޔާނުގައި ބުނަނީ ގާނޫނު އަސާސީގައި ބުނާ ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވާކަން ކަނޑައެޅުމަކީ ގާނޫނު އަސާސީގެ 285 ވަނަމާއްދާގެ (ށ)ގެ ދަށުން ޖޭއެއްސީ އަށް ލިބިފައިވާ ދުސްތޫރީ ބާރެއް ކަމަށާއި ދަށު ކޯޓުތަކުގައި މިހާރު ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވޭތޯ އެ ކޮމިޝަނުން ބެލިބެލުމުން އެ ޝަރުތުތައް ހަމަވެ އެ މަގާމަށް އައްޔަންކޮށް މަގާމުގެ ހުވާކޮށްގެން ތިއްބެވި ސައްހަ ފަނޑިޔާރުން ކަމަށެވެ.

"... މިހާރު މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކާއި ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކާއި ދިވެހިރާއްޖޭގެ ލޯވާ ކޯޓުތަކުގެ ގާނޫނު [ގާނޫނު ނަމްބަރު : 2010/22]ގެ ދަށުން އުފެދިފައިވާ ކޯޓްތަކެއް ކަމަށާއި އެ ކޯޓުތަކުގައި މިހާރު ތިބި ހުރިހާ ފަނޑިޔާރުންނަކީ، އެ ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި ހަމަޖެހިފައިވާ ފަނޑިޔާރުންކަން 21 އޮކްޓޯބަރު 2010 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުން ވަރަށް ސާފުކޮށް ކަށަވަރުކޮށްދީފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އަދި ފަނޑިޔާރުންގެ މުސާރައަކީ ރައްޔިތުން މަޖިލީހުން ފާސްކުރާ މުސާރަ އާއި އިނާޔަތްތައް ކަމަށާއި އެ މުސާރަ އާއި އިނާޔަތްތައް އެ ފާސްކުރި ގޮތަށް ކޮންމެ ފަނޑިޔާރަކަށް ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމްކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"... ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންނަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކަކީ ފަނޑިޔާރުންގެ އަސާސީ ހައްގެއްކަމަށްވާ ހިނދު، މިއިން ކަމަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ޖޭއެއްސީ އިން އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ފަނޑިޔާރެއްގައި ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް އެކުލަވާލި މިންގަނޑަކީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ 10 މެންބަރުގެ ތެރެއިން ނުވަ މެންބަރުން އިއްތިފާގުވެ ފާސްކުރި މިންގަނޑެއް ކަމަށާއި އެ މިންގަޑު އެކުލަވާލީ ގާނޫނީ 13 އަސާސެއްގެ މައްޗަށް ބަރޯސާވެގެން ކަމަށެވެ. އަދި ބުނަނީ އެ އަސާސްތަކަކީ އާންމުކޮށް ފެންނާނެހެން އިއުލާންކޮށްފައިވާ މިންގަނޑެއް ކަމަށެވެ.

އަދި ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރުމަށް ފަހު ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް އައްޔަން ކުރެވޭނެ ބައެއް ނޫން ކަމަށް ވެސް ގާނޫނުގައި ކަނޑައެޅިފައިވާ ކަމަށާއި އެއްވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ސުލޫކީ މިންގަނޑާ ހިލާފު ވިކަން ޖޭއެއްސީ އަށް ސާބިތުވެގެން ރައްޔިތުން މަޖިލީހުގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވެގެން ކަމަށް ވެސް ޖޭއެއްސީގެ ބަޔާނުގައި ބުނެ އެވެ. އެހެން ކަމުން ފަނޑިޔާރުންގެ މަގާމާ މެދު ސުވާލު އުފައްދާނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެ ފަނޑިޔާރެއްގެ މަގާމާ މެދު ސުވާލު އުފައްދާނެ ގާނޫނީ އެއްވެސް ހަމައެއް ނެތުމާ އެކު، ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ގާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ދަށުން މި ކޮމިޝަނަށް ލިބިދީފައިވާ ދޫސްތޫރީ ބާރުގެ ދަށުން މި ކޮމިޝަނުން ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވާ ހުރިހާ ފަނޑިޔާރުންނަކީ އައްޔަންކޮށްފައިވާ ހުރިހާ ފަނޑިޔާރުންނަކީ އެބައިމީހުންގެ މަގާމުގައި ދެމިތިބުމުގައި ހިމާޔަތާއި ރައްކާތެރިކަން އެ ފަނޑިޔާރުންނަށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ފަނޑިޔާރުންނެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާން ބުނަނީ ޖޭއެއްސީގެ ނިންމުމަކަށް ފިޔަވަޅެއް އެޅުމުގެ ބާރުލިބިގެން ވަނީ ހަމައެކަނި ރާއްޖޭގެ ކޯޓުތަކަށް ކަމަށާއި އެ ބާރު އެއްވެސް ފަރާތަކަށް ގާނޫނުތަކުން ވެސް ދީފައި ނުވާ ކަމަށެވެ.