04 Feb 2021, 09:49
މާލެ ސަރަހައްދުގައި މިއަހަރު ނިމުމުގެ ކުރިން 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ މައި، އެއް ވައުދެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކުރުމަށް ދެއްވާ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށްވެސް އަލިއަޅުވާލާފަ އެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި، ބައެއް މަޝްރޫއުތައް އެކި ސަބަބަބުތަކާހުރެ، މަޑު ޖެހިފައި އޮތުމަށްފަހު، މިހާރު މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޭ ތެރެއިން، 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މެއި މަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް
ރައީސް ސޯލިހް ވިދާޅުވީ، އަތޮޅު ތެރޭ ރަށްތަކުގައި ވެސް ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި އަޅާ 300 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށްވެސް ޕްލޭންކުރަމުން އަންނަ ކަމަށެވެ.