04 Feb 2021, 03:23
މާލޭ ސިޓީގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް މިއަދު ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވަނީ މާލޭ ސިޓީގައި އުޅޭ އުމުރުން 65 އަހަރުގެ މީހުންނަށް ވެކްސިން ދޭ ތަންތަނަކީ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ކަމަށެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތުގަ އެވެ.
އެގޮތުން ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެ ދެ ތަނުން ވެކްސިން ދޭނެ އެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުން ވެކްސިން ދިނުމަށް ރަޖިސްޓްރީ ކުރުމުގައި ވެކްސިން ސެންޓަރަށް ދިޔުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މާލޭ ސިޓީގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުން ވެކްސިން ޖަހަން ދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވެކްސިން ޖަހަންދާއިރު މިކަންކަމަށް ސަމާލުވާތި
އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
- ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
- ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 1،578 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.
ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިއަދު މެންދުރު ފެށުމަށް ވަނީ ނިންމާފަ އެވެ. ރިސޯޓް މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.