03 Feb 2021, 22:41
ތިން ދުވަސްތެރޭ ރާއްޖޭގައި 1،500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދޭންފެށީ ފެބްރުއަރީ ފުރަތަމަ ދުވަހުއެވެ. މިއަދާ ހަމައަށް ޖުމްލަ 1،578 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
އޭގެ ތެރޭގައި މިއަދު ވެކްސިން ދިން 742 މީހުން ހިމެނެއެވެ. އެއީ މާލެ ސަރަހައްދުން 643 މީހުންނާއިއަތޮޅު ތެރެއިން 99 މީހެކެވެ.
މިއާއެކު މާލެ ސަރަހައްދުން ވެކްސިން ދެވުނު މީހުންގެ ޖުމްލަ އަކީ 1،309 އެވެ. އަތޮޅު ތެރޭގައި 269 މީހަކަށް ވެކްސިން ދީފައި ވެއެވެ.
މާލޭގައި ވެކްސިން ދެނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ސެނިހިޔާ އާއި ވިލިމާލެ ހޮސްޕިޓަލުގައެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި ވެކްސިން ދޭން މިއަދު ވަނީ ފަށައިފަ އެވެ.
މިހާރު ވެކްސިން ދެނީ ސިއްހީ ޕްރަންޓްލައިން ވޯކަރުންނަށް އަދި ސޯޝަލް ކެއާ ވޯކަރުންނަށާއި 70 އަހަރުން މަތީގެ މީހުންނަށެވެ. އަދި މާދަމާ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފްރަންޓު ލައިނާސްއަށް ވެކްސިން ދޭން ފަށާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މާދަމާ ދޭން ފަށާ ވެކްސިންގެ ބެޗުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ 10،000 މުވައްޒަފުން ހިމެނޭނެ ކަމަށެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ބައްދަލުވާ، ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މިހާރު ވަނީ ޕޯޓައެއް ގާއިމްކޮށް ރެޖިސްޓާ ވާން ހުޅުވާލައިފަ އެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.