30 Jan 2012, 16:50
ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އާހަރު ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމްކޮށްފައި ނޫނީ ރިޔާސީ އިންތިހާބަކަށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިފައިވާ، ލީކްވެފައިވާ އޯޑިއޯއެއް ވަނިކޮށް ފުއާދު ސަން އަށް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަނީ ވެސް އަދި ނިންމާފައި ވަނީ ވެސް ގާނޫނުގައި ބުނާ ގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމަށާއި ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ބާއްވާނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެން މި ދެންނެވީ ރޭވިފައި ގާނޫނުގައިވާ ގޮތުގެ މަތިން ފަސް އަހަރުން އެއް އަހަރު ރިޔާސީ އިންތިހާބު ވެސް ބާއްވާ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ބާއްވާނެ. އެހެންވީމާ އެގޮތުގެ މަތިން އަދި އިލެކްޝަންސް ކޮމިޝަނުން ދާގޮތަށް ވިސްނާފައި ވަނީ،" ފުއާދު ވިދާޅުވި އެވެ. "ކޮންމެ އަކަސް އިލެކްޝަންސް ކޮމިޝަން ކޮންމެ ގޮތެއް ވިޔަސް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މަސައްކަތްތައް ކުރިއަށްދާނެ. އެގޮތަށް މި ކޮމިޝަނުން ތިބީ ވެސް،"
އޭނާ ވިދާޅުވީ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވި ކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނެތް ކަމަށާއި ގާނޫނުގައިވާ ތާރީހަށް އިންތިހާބެއް ނުބާއްވާނެ ކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވާ ނަމަ އެ މައްސަލައިގައި ގާނޫނީ ލަފައެއް ބޭނުންވާނެ ކަމަށެވެ.
"ތީގައި އަޅުގަނޑަށް ޖެހޭނީ ގާނޫނީ ލަފައެއް ހޯދަން. އެއަށް ފަހު އެއްޗެކޭ ބުނެވޭނީ،" ފުއާދު ވިދާޅުވި އެވެ.
ނަވާރަ މިނެޓްގެ އެ ކްލިޕްގައި ރައީސް ވިދާޅުވި ކަމަށް ބުނަނީ؛ "..ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންސާފުވެރި އަދުލުވެރި ފަނޑިޔާރުގެއެއް މިރާއްޖޭގައި އޮތުމަށް. މި ދެކަން ނުކޮށް، އަޅުގަނޑެއް މި ފަސް އަހަރު ހޭދަކޮށްފައި، އަޅުގަނޑެއް ނުދާނަން އިންތިހާބަކަށް [ރިޔާސީ އިންތިހާބަށް]. މިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދެއް އެއީ...،"
އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމްކޮށްފައި ނޫނީ ރިޔާސީ އިންތިހާބަކަށް ނުދާނެ ކަމަށް ލީކުވެފައިވާ އޯޑިއޯގައި ރައީސް ވިދާޅުވެފައިވާ އިރު، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބުނެފައި ވަނީ ރިޔާސީ ދައުރެއް ނިމެން، 120 ދުވަހާއި 130 ދުވަހާ ދެމެދުގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ގާނޫނުން ދީފައި ވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ