ޚާއްސަ ހުއްދައިގެ ދަށުން ގދ. ތިނަދުއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު "ސަން" އަށް ވިދާޅުވީ އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން އޮފީސް މަސައްކަތެއްގައި އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު އެނބުރި މާލެ އައިފަހުން ކޮވިޑަށް ޕޮޒޓިވް ވެފައިވާ ކަމަށެވެ.

އެމީހުންނާ ދިމާވީ ރަށުގެ ކޮންބަޔެއްތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އަމްޖަދު ވިދާޅުވިއެވެ.

"ގިނަ ބަޔަކާ ކޮންޓެކްޓުވެފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެމުވައްޒަފުން ތިބީ އެރަށު ގެސްޓްހައުސްއެއް ގައި ކަމަށެވެ.

ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ ބަލި އޮތްތޯބަލައި، ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. މި ހާލަތުގައި އެރަށަށް އަރައިފޭބުން މަނާވާނެއެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުުމަށް މިމަހގެ ހަތަކުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުންވެސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ހަދައިގެން ނޫނީ ދަތުރު ނުކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު މިހާރު ބަލިޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައިމީހުންނަށް ބަލިޖެހެނީ އާ ވޭރިއެންތުގެ ސަބަަބުން ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.