30 Jan 2012, 16:37
އަޅުގަނޑު މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލްކުރި ދުވަސްވަރު މިހާރުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވީ އަޅުގަނޑަށް ވުރެން އެއް ގްރޭޑް މަތީގަ އެވެ. އެއިރު މަޖީދިއްޔާގެ ހެޑްމާސްޓަރަކީ އަންނިގެ ތިމާގެ ބޭފުޅެއްކަމުގައިވާ މަޝްހޫރު އަބުޖީ އެވެ. ވަރަށް ހަރުދަނާ، ސްޓްރިކްޓް ހެޑްމާސްޓަރެކެވެ. އެދުވަސްވަރު ބަސްނާހާ ކުދިންނަށް އެންމެ އާމުކޮށްދޭ އަދަބަކީ ސްކޫލު އޮފީސް ކުރިމަތީގައި ދެކަކޫ ޖައްސާފައި (ނީލްޑައުން ކޮށްފައި) ދެ އަތް މައްޗަށް ނަންގުވާފައި އެންމެންނަށް ފެންނަ ގޮތަށް ބޭންދުމެވެ.
ސްކޫލު އޮފީސް ހުރަސްކޮށް ހިނގާ ކިޔަވާ ކުދިންނަށާއި ޓީޗަރުންނަށް އެންމެ އާމުކޮށް ފެންނަ އެއް މަންޒަރަކީ ނަޝީދު (އަންނި) މަޖީދިއްޔާ ސްކޫލް އޮފީސް ކުރިމަތީގައި ނީލްޑައުން ކުރުވާފައި އަދަބުދީފައި އިންނަ މަންޒަރެވެ. ކިޔަވާ ކުދިންނަށް ނިސްބަތްކޮށް ބޮޑެތި މީހުން ކިޔާ ގޮތުގައި ނަމަ އަންނި އަކީ އެއިރު ވަރަށް "ނޯޓީ" ކުއްޖެކެވެ. އަންނިގެ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާ އަބުޖީގެ ހެޑްމާސްޓަރުކަމުގައި އަންނި ގެންގޮސް ވެލިތައްމަތީ ދެކަކޫ ޖައްސުވާފައި ބައިންދަނީ ގައިމު "ނޯޓީ" ވެގެންތާ އެވެ.
އެއިގެ އެތައް އަހަރެއް ފަހެވެ. މުހައްމަދު ނަޝީދުގެ ނޯޓީކަން އަދިވެސް ނުކެނޑެ އެވެ. އޭގެ ބަދަލުގައި އޭނާގެ ނޯޓީ ކަމުގެ މައްޗަށް ދިވެހިރައްޔިތުންނަށް މިހާރު ފެންނަމުން މިދަނީ އޭނާގެ "ނުލަފާ" ކަމެވެ. އޭނާ އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ ފަދައިން އޭނާގެ ނުލަފާކަން މިހާރު މިދަނީ ދިވެހިރައްޔިތުންނަށް ވަރަށް ފާޅުގައި ދައްކަމުންނެވެ.
އާމު ބަހުރުވައިން ދަންނަވާކަމުގައި ވަނީ ނަމަ ރައީސް ނަޝީދުގެ އަނގަޔަކުން ނާރާނެ އެވެ. މެންދު އިރު މެދުޖެހޭ ވަގުތަކީ ނަޝީދު އެވިދާޅުވާ ފަދަ ހިނދުކޮޅުގައި ހުންނަވާ ވަގުތުކޮޅެއް ނަމަ އިރާދިމާއަށް ބައްލަވާފައި އެއީ ހަނދުކަމުގައި ވިދާޅުވެ، މިވަގުތަކީ ރޭގަނޑު މެންދަމުގެ ވަގުތުކަމުގައި ވަކާލާތު ކުރައްވަފާނެ އެވެ. އިދިކޮޅު ފަރާތްތަކުން، ތިޔައީ ދޮގެކޭ، މިއީ މެންދުރު ވަގުތޭ ބުނެފި ނަމަ ރައީސް ނަޝީދާއި އެމްޑީޕީ ގެ ރައީސް ޑރ.ޑީޑީ އާއި އަލްހާން ފަހުމީ ވިދާޅުވާނީ "ތިޔަހެން ނުކިޔާނެ!" ކަމަށެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާރު އޮތީ ދެމަގެކެވެ. އެއްގޮތަކީ ކުރިއަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭ، ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުމެވެ. އެހެން ނުވެއްޖެ ނަމަ ދެން ޖެހޭނީ ރައީސް ނަޝީދު 2013ގެ އިންތިހާބު ކާމިޔާބު ކުރައްވައި، އިތުރު ފަސް އަހަރަކަށް ދިވެހި ސިންގާ ސަނާގައި އިށީންދެވަޑައިގެން އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނުގެ "ނުލަފާކަން" މިހާރަށްވުރެން ވެސް ބޮޑަށް ދައްކަވާތަން ބަލަންތިބޭށެވެ.
ޤާނޫނީ އިމުގެތެރެއިން ސަރުކާރު ބަދަލުކުރައްވާ ގޮތްތަކެއް ހަމަޖެހިފައި ވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެން، ނުވަތަ ސުޕްރިމް ކޯޓުން ގޮތެއް ނިންމަވައިގެން ކަމަށް ވިއަސް އެކަން އެގޮތަށް ކުރެވިދާނެ އެވެ.
އަބްދުﷲ ޤާޒީ ދޫކޮށްލުމަށް އަޑުއުފުލަމުން މާލެ ތެރޭގައި މުޒާހަރާ ކުރާ އެތައް ހާސް މީހުންނަކީ އަބްދުﷲ ޤާޒީ ބަތޮލެއްކަމަށް ދެކިގެން އުޅޭ މީހުންނެއް ނޫނެވެ. އޭނާގެ ހުރި ނަމަ ހުރި މައްސަލައެއް ޤައުމުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް، ޤާނޫނީ އިމުގެތެރެއިން ހައްލު ނުވިޔޭ ކިޔާފައި ޤާނޫނު އަސާސީ އަށް ގޮންޖަހަމުން، ސުޕްރިމް ކޯޓަށް ގޮންޖަހަމުން، ޤާނޫނުތައް މުގުރަމުން ދިއުމަކީ މުޅި ޤައުމުގެ މުސްތަގުބަލު މުގުރާލުން ފަދަ ކަމެކެވެ.
މިކަމުގައި ސުޕްރިމް ކޯޓާއި، ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑިޝަލް ސާވިސަސް ކޮމިޝަނާ، ޕްރޮސިކިއުޓަރ ޖެނެރަލާއި ހިއުމަން ރައިޓްސް ކަމިޝަނާއި އެމްޑީޕީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި، ރައްޔިތުންގެ އެތައް ހާސް ބަޔަކު ވެސް މިކިޔަނީ އެކައްޗެކެވެ. މިދެންނެވި ހުރިހާ ފަރާތްތަކުން ވެސް މިބުނަނީ މިއީ މެންދުރުވަގުތު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާއި، އޭނާގެ ޕްރެސް ސެކެޓްރީ ޒުހައިރާއި، ރީކޯ މޫސަ އާއި، މާރިޔާ އާއި، އަލްހާން ފަހުމީ، އާއި އަލީ ވަހީދު މިބުނަނީ މިއީ ރޭގަނޑު ވަގުތު ކަމަށެވެ. އަޅުގަނޑަށް ހަމަ ޔަގީން މިވަގުތު ރާއްޖޭގެ ސުޕްރިމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް "ހެޑްމާސްޓަރ އަބުޖީ" ހުންނެވި ނަމަ ރައީސް ނަޝީދު ގެންދަވައިގެން ސުޕްރިމް ކޯޓުގެ އޮފީސް ކުރިމަތީ "ނީލް ޑައުން" ކުރެއްވުއީހެވެ.
ހިތާމައަކީ ތިމާގެ ކަމަކަށް، މޫނަކަށް ބެއްލެވުމެއްނެތި އިންސާފުވެރިކަމާ އެކު، އެއްވެސް ޖެހިލުންވުމެއްނެތި، ވެރިކަން ކުރައްވާނެ ވެރިން މިޤައުމުގެ މުއައްސަސާ ތަކުގައި މަދުކަމެވެ. ޤައުމުގެ ހާލުގެ ދުލުން މިހާރު ގޮވަނީ އެމް.އެން.ޑީ.އެފްގެ ޗީފް ޖެނެރަލް މޫސާ ޖަލީލާއި، ޕޮލިސް ކަމިޝަނަރ ފަސީހު އާއި އުއްތަމަ ފަނޑިޔާރު ފާއިޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދު އާއު، ނައިބު ރައީސް ޑރ. ވަހީދު އިންސާފުވެރި ބަހެއް އިއްވެވުމަށެވެ. އަދި މޫނަކަށް، އަމިއްލަ އެދުމަކަށް ބެލުމެއްނެތި ހައްޤު ބަސް ވިދާޅުވެ، ހައްޤަށް ނަސްރުދެއްވުމަށެވެ. ވަﷲ އައުލަމް.