19:00


މީހުންގެ ޒާތީ ދިރިއުޅުމުގެ މުއާމަލާތްތައް މިހާރަކަށް އައިސް މީޑިއާ މެދުވެރިކޮށް އާއްމުކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެ، ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްޤަށް އިހްތިރާމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމުގައި ބަޔާންވެ، އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ބަޔާންވެފައިވީ ނަމަވެސް، މިހާރަކަށް އައިސް މީޑިއާ މެދުވެރިކޮށް އާއްމުކުރެވެމުންދާކަމީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަވަންތައް ޒާތީ ދިރިއުޅުމުގެ މުއާމަލާތްތައް ކުރުމަށް ޖެހިލުންވެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށްވެސް ނޫސްބަޔާނުގައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ މެދުގައި ކޮށްފައިވާ ފޯނު ކޯލުތަކެއްގެ ރެކޯޑިން ކަމަށް ބުނާ އޯޑިއޯ ކްލިޕްތަކެއް ލީކުކޮށްލައިވާ މި ދަނޑިވަޅުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށްވެސް ޤާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބަޔާންވެގެންވާއިރު، އެ ހައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.


މީގެ އިތުރުން، ،މީޑިއާ އަކީވެސް ފަރުދުންގެ މިނިވަންކަމަށް އިޚްތިރާމް ކުރާ، ޒިންމާދާރު ފަރާތެއް ކަމުގައި ވާން ޖެހޭއިރު، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާއި، މީޑިއާއިން އުފުލަންޖެހޭ ޤާނޫނީ އަދި އިޖްތިމާއީ ޒިންމާ އަދާކުރުމުގައި، ފަރުދުންގެ އިންސާނީ ކަރާމާތާއި އަބުރަށް ގެއްލުން ނުވާނޭ ގޮތަށް މައުލޫމާތު ފެތުރުމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.


ދާދިފަހުން ލީކުކޮށްލާފައިވާ ފޯނުކޯލުތަކުގެ ރިކޯޑިންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ އެމީހުންގެ ޒާތީ ދިރިއުޅުމުގެ މުއާމަލާތްތައް ކުރުމަށް ޖެހިލުންވެފަ އެވެ.