ކޮވިޑް ޖެހިގެން ރާއްޖެއިން 53 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑު ޖެހިގެން މިއަދު މަރުވީ ދަރުމަވންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން 53 ވަނަ މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މި ފާއިތުވި ދެތިން ހަފްތާ ތެރޭގައި ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުން ކޮންޓްރޯލުވެފައި އޮތުމަށް ފަހު އަލުން ބަލި ބާރަށް ފެތުރެން ފަށާފައިވާ އިރު، މިހާރު ރާއްޖޭގައި ވެސް ބަލީގެ އާ ވޭރިއަންޓުތައް އުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

އެގޮތުން މިހާރު ފެންނަ ކޭސްތަކުގެ 30 ޕަސެންޓަކީ ބާރު މިނުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއެންޓުގެ ކޭސްތައް ކަމަށް އެ ސެންޓަރުގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު އިއްޔެގެ 6:00 ހާއި ހަމައަށް ރާއްޖެއިން ޖުމްލަ 16،155 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 1،833 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު 186 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުތަކުގައެވެ. 14،263 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެ ހިސާބުތައް ދައްކަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ވެކްސިން ޖަހަންވެސް ފަށައިފަ އެވެ.