ރާއްޖެ ސަރަހައްދުން ފެނުނީ ލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީ ގަމުގެ 5 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތް އެ ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށެވެ.

އެ ފަސް މީހުންނަކީވެސް ލަންކާ މީހުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަސްބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތާއެކު އެމްއެންޑީއެސް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ އެފްއައިސީ "ކާމިޔާބު" ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އެ ބޯޓާ ބެހޭ މައުލޫމާތު ލިބުނީ މިއަދު 14:27 ހާއިރު ކަމަށާއި އެ ހަބަރު ކޯސްޓްގާޑަށް ދިނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ. މަރަދޫ ރަސްކުރި މަސްދޯނިން ކަމަށްވެސް އެމްއެންޑީއެފް އިންް ބުންޏެވެ.

ރާއްޖެ ސަރަހައްދަށް ވަތް މަސްބޯޓުގެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.