ނޭޕީޑޯ (ފެބްރުއަރީ 3): މިޔަންމާގެ ވެރިކަމުން ދުރުކޮށްފައިވާ ލީޑަރު އަންގް ސަން ސޫޗީއާ ދެކޮޅަށް ދައުވާ ކުރަން އެގައުމުގެ ފުލުހުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މިޔަންމާގެ ފުލުހުން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ސޫޗީގެ ގެކޮޅުން ވޯކީޓޯކީތަކެއް ފެނިފައިވާ ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ގައުމަށް އެތެރެކޮށް، ބޭނުންކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ބުނެފަ އެވެ. އަދި އޭނާއާ ސުވާލުކޮށް، ހެކި ހޯދާ، ގާނޫނީ ލަފާ ހޯދުމަށްޓަކައި މިމަހުގެ 15އާ ޖެހެންދެން އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ ހުއްދައަށް އެދިފައިވެ އެވެ.

މިޔަންމާގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި ސޫޗީގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ތިން އަހަރަށް ޖަލަށް ލެވިދާނެ އެވެ. އަދި ކުރީގެ ރައީސް ވިން މިޔިންގެ މައްޗަށް ނެޗުރަލް ޑިޒާސްޓާ މެނޭޖްމެންޓް ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރަންވެސް ފޮނުވާފައިވާ ކަމަށް އެ ނޫސްތަކުގައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ސޫޗީ އާއި ވިން މިޔިން އާއި ސަރުކާރުގެ އިތުރު ލީޑަރުންތަކެއް ހައްޔަރުކޮށްފަ އެވެ. އަދި ގައުމުގައި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އަންގް ލެއިންގް ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެފަދައިން އަމަލު ކުރީ އެގައުމުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ އެވެ. އެ އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިންނެވެ. އަދި އަސްކަރިއްޔާގެ ތާއިދު ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

ސޫޗީ އަކީ މިޔަންމާގައި 49 އަހަރުވަންދެން އޮތް އަސްކަރީ ވެރިކަމުގައި، 1989 އާއި 2010އަކާ ދޭތެރޭ 15 އަހަރު ގޭބަންދުގައި ހޭދަ ކުރެއްވި ބޭފުޅެކެވެ. އަދި ޑިމޮކްރަސީ ހަރަކާތުގެ ނަމޫނާއެއްގެ ގޮތުގައި މިޔަންމާގެ ރައްޔިތުންގެ މެދުގައި އޭނާ އަދިވެސް މަގުބޫލު ނަމަވެސް އެގައުމުގެ ރޮހިންގާ މުސްލިމުންނާ މެދު އަމަލު ކުރާ އަނިޔާވެރި ގޮތުގެ ސަބަބުން ބޭރު ގައުމުތަކުގައި ސޫޗީއަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި އޭނާ އަސްކަރިއްޔާ ދިފާއު ކުރައްވާފައި ވާތީ ސޫޗީއަށް ގިނަ ބަޔެއްގެ ނުރުހުންވެސް ވަނީ އަމާޒުވެފަ އެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރާހިން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށީ، އަރާކަން ރޮހިންގާ ސެލްވޭޝަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން މިޔަންމާގެ ފުލުހުންތަކެއް މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާތަކަށް ފަހު، ހަނގުރާމަވެރިން އަތުލައިގަތުމަށް ކަމަށް ބުނެ މިޔަންމާއިން ފެށި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ.

އޭގެ ސަބަބަބުން ގާތްގަނޑަކަށް 750،000 ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވި އެވެ.