މީގެ 10 އަހަރު ކުރިން 2011 ގައި ކޮންރެޑް އައިލެންޑު ރިސޯޓުގެ ވަޒީފާއިން 22 މުވައްޒަފަކު ވަކިކުރީ ގޯސްކޮށް ނަމަވެސް އެ މީހުންގެ ވަޒީފާ އިޔާދަކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުރައުން ކުންފުނީގެ ދަށުން ހިންގަމުން އައި އެ ރިސޯޓުން 22 މުވައްޒަފުން ވަކިކުރީ 2011 ޖޫންގަ އެވެ. އެ މުވައްޒަފުން އެ މައްސަލަ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2012 ގައި އެތަނުން ނިންމީ އެ މީހުންގެ ވަޒީފާ އިޔާދަ ކުރަންށެވެ. ނަމަވެސް 2015 ގއި ހައިކޯޓުން އެ ނިންމުން ބާތިލްކޮށް ހުކުމް ކުރީ ވަޒީފާ އިޔާދަ ނުކޮށް މާލީ ބަދަލު ނަގައިދެވޭނެ ކަމަށެވެ. އެހެން ނަމަވެސް 2015 ގައި ސުޕްރީމް ކޯޓުން ހައިކޯޓުގެ އެ ނިންމުން ބާތިލްކޮށް އަލުން އެ މައްސަލަ ބެލުމަށް އެންގުމުން އެ ކޯޓުން މައްސަލަ ރިވިއުކޮށް ހުކުމް ކުރީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކުރަން ޖެހޭ ކަމަށެވެ.

ހައިކޯޓުގެ ހުކުމް ކުރައުން ކޮމްޕެނީން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ އެތަނުގެ އަގުބޮޑު ވިލާތަކެއް ބަންދުކުރަން ޖެހުމުން ވިޔަފާރި ދަށްވުމުގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި ވަގުތީ މުވައްޒަފުން ވެސް ތިއްބާ ދާއިމީ 22 މުވައްޒަފަކު ވަކިކުރުމާ މުވައްޒަފުން ވަކިކުރި ވަގުތުގައި އެކަން ކުރި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންކަމުން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވުނީ ކޮންރެޑުން މުވައްޒަފުން ވަކިކުރީ ރަނގަޅު ނިޔަތެއްގައި ނޫން ކަމެށެވެ. އަދި އެ މުވައްޒަފުން ވަކިކުރުމުގައި އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ހޯދާދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން ބުނީ މިހާރު އެ މީހުން ވަކިކުރި ފަހުން ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމާއި ވަކިކުރި މުވައްޒަފުންނާއި ރިސޯޓުގެ މެނޭޖްމަންޓާ ދެމެދު އިތުބާރުގެ މައްސަލަތަކެއް ހުރުމުން އެ މީހުންގެ ވަޒީފާ އަނބުރާ އިއާދަކުރަން ޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނާ ބައި ބާތިލް ކުރާ ކަމަށެެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާގެ ގާނޫނުގައި ބުނާ ނޯޓިސްގެ މުއްދަތު ނުދީ ނަމަވެސް ވަޒީފާގައި ދެމި ހުރި މުއްދަތަށް ބަލައިގެން ނޯޓިހުގެ މުއްދަތަށްވާ އުޖޫރަ ދީފައި ވުމާއި ރިޑަންޑެންސީ އެލަވެންސެއް ވެސް ދެ މަހުގެ މުއްދަތަށް ދީފައި ވުމުން ވަކިކުރި މުވައްޒަފުންނަށް މާލީ ގޮތުން ދޭން ޖެހޭ ބަދަލެއް ނެތް ކަމަށެވެ.

ނަމަވެސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް އެ މުވައްޒަފުންނަށް މައްސަލަ ހުށަހޅިދާނެ ކަމަށާއި އެ ކަންކަން ވަކިން ބަލައި ބަދަލެއް ނަގައިދޭން ހުރަހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.