ކެފޭތަކުގައި ޝީޝާގެ ހިދުމަތް ދޭނަމަ، ފިޔަވަޅު އަޅާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ރެސްޓޯރަންޓް، ކެފޭ އަދި ކެންޓީން ފަދަ ތަންތަނުން އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް މާސް އިންްސްޕެކްޝަންއެއް ހިންގުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އެ އިންސްޕެކްޝަންއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޑިރެކްޓަރު، އަހްމަދު ނާސިރު ވިދާޅުވީ، އެ އިންސްޕެކްޝަންގެ ދަށުން، ކޮވިޑް19އިން ރައްކާތެރިވުމަށް ހެދިފައިވާ ގައިޑްލައިންތަކަށް އަމަލު ކުރޭތޯ ބަލާނެ ކަމަށެވެ. އަދި ހުއްދަ ނޫން ކަމެއް ކުރާނަމަ، އެކަންވެސް ބަލައި، ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝީޝާއަކީ ކޮވިޑް19އާ ގުޅިގެން އެއްކޮށް މަނާކުރެވިފައިވާ ކަމެއް. ޝީޝާގެ ހިދުމަތް ދޭނަމަ، ފިޔަވަޅު އެޅޭނެ،" އަހްމަދު ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރެސްޓޯރަންޓު ފަދަ ތަންތަނުގައި ގޮނޑި އާއި މޭޒު އެތުރުމުގައި ވަރަށް ގިނަ ތަންތަނުން އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް މިހާރު އަމަލު ނުކުރާ ކަމަށާއި މި އިންސްޕެކްޝަންގައިވެސް އެކަންކަން ބަލާނެ ކަމަށެވެ. އަދި މުވައްޒަފުން މާސްކް ނާޅާކަމުގެ ޝަކުވާވެސް ލިބޭ ކަމަށާއި އެކަންވެސް އިންސްޕެކްޝަންގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސްޕެކްޝާނާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެޗްޕީއޭއިން މިހާރު ވަނީ ހޮޓްލައިންއެއް ގައިމްކޮށްފަ އެވެ. އިތުުރު މައުލޫމާތެއް ބޭނުންވާނަމަ، ގުޅުއްވާނީ 7264574 އަކަށެވެ. އެ ނަންމަބަރަށް ގުޅޭނީ، ހުކުރު ދުވަސް ފިޔަވައި، ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. ޝަކުވާއެއް ހުށަހަޅާނަމަ، ފޮނުވާނީ[email protected]އަށެވެ.