ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް މިދިޔަ އަހަރު ރީތިނަން ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މާދަމާ ރޭ ވަރަށް ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރީ އާއި ސްޕޯޓްސް ކައުންސިލް ގުޅިގެން ބާއްވާ މި ހަފްލާ މާދަމާ ރޭ ފެށުމަށް ހަމެޖެހިފައި ވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި 8:45 ގަ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަޝީދު ވިދާޅުވީ، ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް މިދިޔަ އަހަރު ރީތިނަން ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަން ނިންމީ އަހަރަކު އެއްފަހަރު ގައުމީ ކުޅިވަރު އިނާމެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން މިބަލަނީ މީގެ ފެށުމެއްގެ ގޮތުގައި. މާދަމާ ރޭގެ ހަފްލާގައި މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް ރީތި ނަން ހޯދާދީފައިވާ ފަރާތްތަކުގެ އަގުވަންކުރުމުގެ ގޮތުން އެވޯޑެއް އެފަރާތްތަކަށް އަރުވާނެ." ސްޓޭޓް މިނިސްޓަރު ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، މާދަމާ ރޭގެ ހަފްލާގައި ވަރަށް ގިނަ ފަރާތްތަކަށް އެވޯޑް ލިބޭނެ ކަމަށާއި އެހެންނަމަވެސް ޖުމްލަ އަދަދު ދަންނަވަން މިވަގުތު ދަތި ކަމަށެވެ.
"އެކިއެކި ކުޅިވަރުތަކުން ގާތްގަނޑަކަށް 70 ވަރަކަށް އެވޯޑް ދޭނެ. ފައިނަލް އަދަދެއް މިވަގުތު ދަންނަވަން ދަތި،" ރަޝީދު ވިދާޅުވި އެވެ.