03 Feb 2021, 15:16
މާލެ ސަރަހައްދުގައި ހިންގާ ކާފިއުއާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑި އަވަސްކޮށްފި އެވެ.
ވެމްކޯއިން ބުނީމާދަމާ (4 ފެބްރުއަރީ)އިން ފެށިގެންމާލޭގެ ގޭބިސީތަކުން ކުނި ނެރޭނީ ރޭގަނޑު 8:30 - 9:30 އާ ދެމެދު ކަމަށެވެ.
މިގޮތަށް ބަދަލު ގެނައީ ވެމްކޯގެ މުވައްޒަފުންނަށްވެސް ކާފިއުއަށް އަމަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި މުވައްޒަފުންނާއި ކަސްޓަމަރުންނާ ކޮންޓެކްޓްވުން ކުޑަ ކުރުމަށް ކަމަށް ވެމްކޯއިން ބުނެ އެވެ.
ކުނި ނެރޭއިރު ލީކު ނުވާ ގޮތަށް ދެ ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ. އަދި ކުރިއެކޭވެސް އެއްފަދައިން ވެމްކޯއިން ކުނި ނަގާނީ ގްރައުންޑް ފްލޯއިންނެވެ.
އަލަށް ގެންނަ ބަދަލަށް އަމަލުކުރަން ޖެހޭނީ ހަމައެކަނި މާލޭގެ ގޭބިސީތަކުންނެވެ. ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ކުރިންވެސް ނެރެމުން އައި ގަޑިތަކުގަ އެވެ.